ސިއްހަތު

އާސަންދަ ކުންފުނީގެ އައު ވެބްސައިޓު ލޯންޗުކޮށްފި


އާސަންދަ ކުންފުނީގެ އައު ވެބްސައިޓް ލޯޗުކޮށްފިއެވެ.

އާސަންދަ ކުންފުނީގެ އައު ވެބްސައިޓު ލޯންޗްކޮށްފައިވަނީ އެކަމަށްޓަކާ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެކުންނުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤެވެ. މިއީ އާސަންދަ ކުންފުނިން ދެމުންދާ ޚިދުމަތްތައް މިހާރަށް ވުރެ ފަސޭހަކަމާއި، ހަލުވިކަމާއެކު އާއްމު ފޯރުކޮށްދީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޑިވެލޮޕްކޮށްފައިވާ ވެބްސައިޓެއްކަމަށް އެކުންފުނިން ބުނެއެވެ.

މި ވެބްސައިޓުން، އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދުމަށް ބޭނުންވާ ފޯމުތައް ފަސޭހަކަމާއިއެކު ޑައުންލޯޑު ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ސްކީމްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން ޚިދުމަތް ލިބޭ މަރުކަޒުތަކުގެ މަޢުލޫމާތާއި، ތަފާސް ހިސާބުވެސް މި ވެބްސައިޓުން ލިބޭނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011 ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ. އަދި ދިވެހިރައްޔިތުންނަށް ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އެކުލަވާލާފައިވާ ޔުނިވަރސަލް ހެލްތު ސްކީމެއްގެ ތެރެއިން "ހުސްނުވާ އާސަންދަ"ގެ ގޮތުގައި މި ޚިދުމަތް 2014 ވަނަ އަހަރުގެ ތެރޭގައި ވަނީ ފުޅާކޮށްފައެވެ.

އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި ސަރުކާރާއެކު ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި އުފެއްދި މި ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ސަތޭކަ އިންސައްތަ ހިއްސާ ސަރުކާރުން ގަނެ، ސައްތައިންސައްތަ ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ވަނީ ބަދަލުކޮށްފައެވެ.