ވިޔަފާރި

އުރީދޫ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމުގެ ފުރަތަމަ ޑެމޯ ދައްކާލައިފި


އުރީދޫ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމުގެ ފުރަތަމަ ޑެމޯ ދައްކާލައިފި

"ނިރު އެކްސަލަރޭޓަރ" ޕްރޮގްރާމަކީ ތަފާތު އުފެއްދުންތެރި އީޖާދުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާރކެޓަށް ތަޢާރަފްކޮށް އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށާއި ކުދި ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްގައި ކުރިއެރުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި، އުރީދޫ މޯލްޑިވްސްއިން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ޓީމްތަކުގެ އުފެއްދުންތައް ދައްކާލުމަށްޓަކައި ހޮޓެލް ޖެންގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލް އަދި ސަރުކާރުގެ އޮފީސްތަކުގެ އިސްބޭފުޅުންނާއި އެކި ފެންވަރުގެ ވިޔަފާރިވެރިންނާއި އުރީދޫގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

ނިރު އެކްސަލަރޭޓަރ ޕްރޮގްރާމް ކުރިއަށްދިއުމަށް އުރީދޫއިން 4 ކުންފުންޏަކަށް ފުރުސަތުދީފައިވާއިރު މި ޕްރޮގްރާމުގައި ބައިވެރިވެ 3 ކުންފުންޏަކުން ވަނީ އެކުންފުނީގެ ޚިދުމަތްތައް ދައްކާލާފައެވެ.

އެއީ އައިޑިއަނައިޒް، ބީޓޫބީ އަދި ކުނބު، މި ތިން ކުންފުންޏެވެ. މުޖުތަމަޢަށް ބޭނުންވެފައިވާ މުހިއްމުކަމަކަށް ތަފާތު އީޖާދެއް ތަޢާރަފްކުރުމަށް އުރީދޫއިން ހުޅުވާލި މި ފުރުސަތުގައި ތިން ކުންފުނިން ވެސް ވަނީ އުފެއްދުންތެރި ޚިދުމަތްތަކެއް ތަޢާރަފްކޮށްފައެވެ.

"އައިޑިއަނައިޒް" ކުންފުންޏަކީ ފަސޭހައިން ދޭހަވާނޭ ގޮތަށް އާންމުންނާއި ވާހަދައްކާލެވޭ "ޑިޖިޓަލް" އޭޖެންޓެއް ބޭނުންކޮށްގެން އެކި ކުންފުނިތަކުގެ ޚިދުމަތްތައް އޮޅުންފިލުވައިދޭ ކުންފުންޏެކެވެ. އެގޮތުން މި ކުންފުނީގެ "މައި ވެލާނާ" މެދުވެރިކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ދަތުރުތަކުގެ މަޢުލޫމާތު ފަސޭހައިން ލިބެއެވެ.

"ބީ2ބީ މޯލްޑިވްސް" އަކީ އޮންލައިން މެދުވެރިކޮށް މުދާ ގަތުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން އަތޮޅުތަކުގެ މީހުންނަށް މާލެ އަންނަން ނުޖެހި ބީ2ބީ މެދުވެރިކޮށް އެމީހަކު ބޭނުންވާ ބާވަތެއްގެ މުދާ ގަނެލެވެއެވެ.

"ކުނބު" މި ކުންފުންޏަކީ ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ފަސޭހަކޮށް އެއް މަންސައެއްގެ ދަށުން ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. މި ކުންފުނީގެ އެޕް މެދުވެރިކޮށް ދަތުރުތަކަށް ވަގުތުން ޓިކެޓްނެގުމާއި އުޅަނދުތައް ކުއްޔަށް ނެގުން ފަދަ ޚިދުމަތްތައް ލިބޭނެއެވެ.

ތިން މަސްދުވަހަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިވި ތިން ޓީމަށް މި ދައިރާގެ ތަޖުރިބާހުރި މީހުންގެ ފަރާތުން މަސައްކަތަށް ބޭނުންވާނެ ތަނަކާއި ޑިޖިޓަލް ޓޫލްއާއި ޓެކްނިކަލް އެހީތެރިކަން ލިބިގެން ދިޔައެވެ.

އުރިދޫއިން ދަނީ މި ބައިވެރިންގެ މަސައްކަތްތައް ކުރިއެރުވުމަށް އިންވެސްޓްމެންޓުގެ ފުރުސަތު ހޯދުމަށް ސަރުކާރުގެ އޮފިޝަލުންނާއި ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ސްޓާޓްއަޕްތައް ޕިޗްކުރުމުގެ މަސައްކަތްކުރަމުންނެވެ.

އުރީދޫ ނިރު އެކްސެލަރޭޓަރގެ ޑެމޯ ދެއްކުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ނިރު އެކްސެލަރޭޓަރއަކީ ރާއްޖޭގެ ސްޓާޓް-އަޕް އީކޯސިސްޓަމް އިތުރަށް ވަރުގަދަކޮށް ޒުވާން ވިޔަފާރިވެރިންގެ ހުނަރުތައް ބިނާކުރުމަށްޓަކައި އުރީދޫން ކުރިއަށްގެންދިޔަ މުހިއްމު ޕްރޮގްރާމެއްކަމަށެވެ. އަދި މިއަހަރުގެ ތަޖުރީބާއާއެކު ކުރިއަށްއޮތް ތަނުގައި ޒުވާނުންނާއި ގުޅުންހުރި މިފަދަ ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނިރު އެކްސެލެރޭޓަރ ފުރިހަމަ ކުރި ހުރިހާ ކުންފުނިތަކަށް އުރިދޫގެ ޕާޓްނަޝިޕްގެ ދަށުން ދިގު މުއްދަތަކަށް އެހީ ލިބިގެންދާނެކަމަށް އުރިދޫއިން ބުނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެ ޑެމޯ ދެއްކި ކުންފުނިތަކަކީ މިއީ 2018 ވަނަ އަހަރު އުރީދުއިން ކުރިއަށްގެންދިޔަ "ނިރު ހެކަތަން"ގައި ވާދަކޮށް ހޮވުނު ކުންފުނިތަކެވެ. މި ކުންފުނިތަކަށް އިތުރަށް އިންވެސްޓުކޮށް ކުރިއެރުވުމަށް މަސައްކަތްކުރާނެކަމަށް އުރީދޫއިން ބުނެއެވެ.