ޚަބަރު

ޕެންޝަން ފައިސާއިން އަނބިމީހާ ނުވަތަ ފިރިމީހާ ޙައްޖަށް ފޮނުވޭނެގޮތް ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ


ފަރުޟު ޙައްޖެއް އަދާކޮށްފައިވާ މީހަކަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައިވާ ފައިސާއިން އަނބި މީހާ ނުވަތަ ފިރިމީހާ ހައްޖަށް ފޮނުވޭނެ ފުރުޞަތު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީން ފާދިއްޕޮޅު ނައިފަރުގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ރައްޔިތުން އެދެމުންދިޔަ ފަދައިން ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޕެންޝަން ފަންޑުން އެމީހެއްގެ އަނބި މީހާ ނުވަތަ ފިރިމީހާ ޙައްޖަށް ފޮނުވޭނެފަދަ ގޮތެއް ހެދުމަށް އާންމު އެދެމުންދާކަމަށާ، އެހެންކަމުން ޕެންޝަން އެޑްމިނިސްޓްރޭޝަން އާއި މަޝްވަރާކޮށް އެކަން ކުރެވޭނެ ގޮތެއް އޮތްތޯ މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

"މިގޮތަށް އަޅުގަނޑާއި ބައްދަލުވާ މީހުން އެދެމުން އެބަދޭ. މިއީ ވިސްނާލުން ރަނަގަޅުކަމެއް. މިއީ ކުރެވިދާނެކަމެއްތޯ މިއީ ޕެންޝަން އޮފީހާއި ވާހަކަދައްކައިގެން އަޅުގަނޑުމެން ބަލަމުން ގެންދާނަން" ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފެންޝަން ފައިސާއިން ޙައްޖަށް ދެވޭގޮތަށް ޕެންޝަނާބެހޭ ޤާނޫނަށް މިދިޔަ ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޞާލިޙް ތަސްދީޤުކުރެއްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ޕެންޝަނާބެހޭ ޤާނޫނުގައި ކަނޑައަޅާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.