ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހަވާލުވުމުގެ ކުރިން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ނަމުގައި އެކުންފުނި މެދުވެރިކޮށް، އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާކަމަށް އިކޮނޮމިކް މިނސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ރޭ އޮތް އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، އެޗްޑީސީގެ ދަރަންޏަކީ މީހަކަށް އަންދާޒާކުރެވޭނެ ވަރަށްވުރެ މާ ބޮޑު ދަރަންޏެއް ކަމަށެވެ.
އެޗްޑީސީ ބޮޑު ޢަދަދަކުން ދަރަނިވެރިވެފައި އޮތުމުން، ކުރީގެ ސަރުކާރަށް ފާޑުވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ، ބޯހިޔާވަހިކަމުގެ ނަމުގައި ކުދި ޢިމާރާތްތަކެއް ބިނާކޮށް ކުރީގެ ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ. އެކަންކަން ހައްލުކުރުމަށް މި ސަރުކާރުން މިހާރު މަސައްކަތް ފަށްޓަވާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ރައީސް ޞާލިޙް އުފެއްދެވި "ފަހި ދިރިއުޅުން ކޯޕަރޭޝަން"ގެ ފަރާތުން ޢިމާރާތްކުރާ ފްލެޓްތަކަކީ ރައްޔިތުންނަށް ވަރަށް ފަސޭހައިން މިލްކު ކުރެވޭނެ ފްލެޓްތަކަކަށް ހައްދަވާނެ ކަމަށެވެ.
ކުރީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫޢުއަކީ ބޮޑު ވައްކަމުގެ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެޗްޑީސީން ކުރިން ހަދާފައިވާ ހުރިހާ ގޯސްތަކެއް ހައްލުކުރުމަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ. އެހެންނަމަވެސް އެކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
އިކޮނިމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް މިހެން ވިދާޅުވެފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް ވަރަށް ގިނަ މަޝްރޫޢުތަކެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމަން މަސައްކަތް ކުރި ކަމަށާއި، އެކަމުގެ ސަބަބުން އެކުންފުންޏަށް އެތައް ގެއްލުންތަކެއް ލިބިގެންދިޔަ ކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވަނީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ. އޮޑިޓަރ ޖެނެރަލް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ތަރައްޤީ ކުރަމުންދިޔަ "ހިޔާ މަޝްރޫޢު"އަށް ހޭދަ ކުރަމުންދިޔައީ ބޭންކް ފައިނޭންސް ހަމަނުޖެހެނީސް އެ ކުންފުނީގެ ކޭޝް ފްލޯއިން ކަމަށް.