ތަރައްްޤީ

ތިނަދޫއިން ފްލެޓު ލިބުނު މީހުންގެ ލިސްޓު ރިވިއު ކުރަން ފަށައިފި


ގދ.ތިނަދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް ލިބުނު މީހުންގެ ލިސްޓް ރިވިއުކޮށް، ފްލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް ނެރުމަށް ތައްޔާރުވަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ ތިނަދޫގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތައް ލިބުނު މީހުންގެ ލިސްޓް ރިވިއުކޮށް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ފްލެޓްތަކުގެ ޙައްގުވެރިންގެ ވަގުތީ ލިސްޓް އާންމު ކުރައްވާނެ ކަމަށެވެ. ހައުސިންގ މިނިސްޓްރީން މިހާރު ވަނީ އެރަށު ކައުންސިލާއި ގުޅިގެން ފޯމްތައް އަލުން ރިވިއު ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި ފްލެޓްތަކުގެ ދާއިމީ ލިސްޓް ނެރުމަށް ޓައިމް ފްރޭމެއްވެސް މިހާރު އެކުލަވާލާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ނިމުނު ސަރުކާރުން ތިނަދޫގައި ތަރައްޤީކޮށްފައިވާ 120 ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކުގެ ލިސްޓް މީގެކުރިންވަނީ އިއުލާންކޮށްފައެވެ.

ނަމަވެސް ފްލެޓްތަކަށް މީހުން ހޮވުމުގައި އޮޅުވާލުންތައް ހުރިކަމަށްބުނެ ޝަކުވާތައް ލިބެމުންދާތީ ސަރުކާރުންވަނީ ފްލެޓްތައް ލިބުނު މީހުންގެ ލިސްޓްތައް އަލުން ރިވިއުކޮށް، އޭގެ އެންމެ ހައްގުވެރިންނަަށް ދިނުމަށްޓަކައި ފްލެޓް ދޫކުރުން ވަގުތީގޮތުން މަޑުޖައްސާލާފައެވެ.

ތިނަދޫ ހައުސިންގ ޔުނިޓްތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝާމިން ވިދާޅުވީ ފްލެޓްތައް ދީފައިވާ ގޮތާމެދު ކައުންސިލްގެ ބޮޑެތި ކަންބޮޑުވުންތައް ހުރިކަމަށެވެ. ޝާމިން ވިދާޅުވީ މީގެކުރިން ރަށްތަކުގައި ހުރި ހައުސިންގ ޔުނިޓްތައް ދީފައިވަނީ ކައުންސިލްތަކުގެ މަޝްވަރާ ނެތިކަމަށެވެ. ނަމަވެސް ތިނަދޫއިން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ މޯމްތަކާއި އެކަމާ ގުޅުންހުރި ލިޔުންތައް ރިވިއު ކުރުމަށްޓަކައި ރައީސް ޞާލިޙްގެ އިސްނެގްވުމުގެ މަތިން، މިހާރު ތިނަދޫ ކައުންސިލާއި ހަވާލުކޮށްފައިވާކަމަށެވެ.

ތިނަދޫގައި ހަދާފައިވާ 120 ހައުސިންގ ޔުނިޓްގެ ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ ޚިދުމަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި ހައުސިންގ މިނިސްޓްރީއިން ގެންދަނީ ރަށްރަށުގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް އޭގެ އެންމެ ޙައްގުވެރިންނަށް ދިނުމަށް ކައުންސިލްތަކާއިއެކު މަސައްކަތްކުރަމުންނެނެވެ. އެގޮތުން މިނިސްޓްރީގެ ޓީމެއް މިހާރު ހުވަދު އަތޮޅަށްކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ހޯޑެއްދޫ، ގައްދޫ، އަދި ވިލިނގިލީގެ ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ފޯމްތައް ރިވިއު ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ޙައްޤުވެ އެހެންނަމަވެސް ނުލިބިވާ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އަޅައި ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.