ޚަބަރު

ނިއުޕޯޓް ވިއު ހުސްކުރަން އަންގައި، ހިންގުމުގެ ހުއްދަވެސް ބާޠިލުކޮށްފި


ލޮނުޒިޔާރާތްކޮޅުގައި ދާދިފަހުން ޚިދުމަތްދޭން ފެށި ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުރި ބިން ހުސްކުރަން އަންގައި، އެތަނުން ޚިދުމަތް ދިނުމުގެ ހުއްދަ އިއްޔެއިން ފެށިގެން ބާޠިލުކޮށްފިއެވެ.

ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުރި ބިން ހުސްކުރުމަށް 30 ދުވަހުގެ މުހުލަތެއް ޕްލޭނިންގް މިނިސްޓްރީއިން ވަނީ ދެއްވާފައެވެ. އަދި އެކަން އިއްޔެ ނިއުޕޯޓް ހިންގާ ކުންފުންޏަށް އަންގައި ނޯޓިސްވެސް ވަނީ ދެއްވާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، ނިއުޕޯޓް ވިއު ރެސްޓޯރެންޓް ސަރަހައްދު އެއްކޮށް ހުސްކުރުމަށް 30 ދުވަހުގެ މުހުލަތެއް ދީފައިވަނީ ސަރުކާރުން ރާވާފައިވާގޮތަށް ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށްކަމަށެވެ. އެގޮތުން ނިއުޕޯޓް ވިއު ހިންގުމުގެ ހުއްދަ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބާތިލުކޮށް އެ ސަރަހައްދު ހުސްކުރުމަށް އަންގާ ނޯޓިސް ދީފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެ ބިން ހުސްކުރުމަށް 30 ދުވަސް ދިން ނަމަވެސް މި މުއްދަތުގައި އެ ރެސްޓޯރެންޓުން ޚިދުމަތް ނުދެވޭނެކަމަށެވެ.

ސިނަމާލެ ބުރިޖު އެޅުމަށް ބަންދުކުރި ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރާގޮތާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އެ ސަރަހައްދު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެންމެންނަށް ބޭނުންކުރެވޭގޮތަށް ގަސްއިންދައި ގޮނޑުދޮށެއްފަދަ ގޮތަށްކަމަށެވެ.

ނިއު ޕޯޓް ހިންގާ ސްޓާރާޑާ ކުންފުންޏަށް ލޮނުޒިޔާރަތްކޮޅު ބްރިޖް ސަރަހައްދުން ބިން ދޫކޮށްފައިވަނީ ކުރީގެ ރައީށސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. ނިއު ޕޯޓް ހިންގާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަންވެސް ދާދި ފަހަކާ ޖެހެންދެން ކުރެއްވި އަދި ޔާމީންގެ ސަރުކާރު ދިފާއުކުރުމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރި ޒާހިދު ރަމީޒުއެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖާފަތުގެ ކޭޓަރިން ވެސް ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ނިއު ޕޯޓާ އެވެ. އެ ޖަފާތަށް ދައުވަތު އަރުވައިގެން ދިޔަ އެތައް ބަޔަކަށް ކާއެއްޗެހި ނުލިބި ކާ އެއްޗެއްތި ހުސްވެ އެތައް ފާޑިކިޔުންތަކަށް އަމާޒުވެގެން ގޮސްފައިވެއެވެ. އަދި ޖާފަތް ނިއުޕޯޓްއާއި ހަވާލުކުރުމުގައި ކޮރަޕްޝަން މައްސަލަތައް ހުރި ކަމަށް ބުނެ އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެސީސީން ފޮނުވާފައިވެއެވެ. އެހެންނަމަވެސް އެ މައްސަލާގައި ދައުވާ ނުކުރުމަށް އޭރު ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

މީގެއިތުރުން ރިންގ ރޯޑް ހެދުމަށް ބްރިޖް ސަރަހައްދުގައި ހިންގަމުން އައި ޗާޓައިމް ހުރި ސަރަހައްދު ސަރުކާރަށް ނެގުމުން އެކަމުގެ ބަދަލެއްގެ ގޮތުގައި 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ނިއު ޕޯޓް ހިންގާ ސްޓާރާޑާ ކުންފުންނިން އެދިފައިވެއެވެ. އެ ފައިސާ ދޫނުކޮށް އޭރު ހުއްޓާލީ އެސީސީން އެ މައްސަލަ ބަލަން ފެށުމުންނެވެ.