ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާ ކުރުމާއި ބެހޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ، ތައިލެންޑްގެ ޓްރާންސްޕޯޓް މިނިސްޓަރ އަރކޮމް ތާޕިޓަޔާ ޕައިސިތްއާއި ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުމުގައި ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއާއި ތައިލެންޑާއި ދެމެދު ޓެކްނިކަލް ގޮތުން އެހީތެރިވެވެން ހުރި ކަންކަމާއި ބެހޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ތައިލެންޑްގެ މިނިސްޓަރ ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ޓްރެފިކް ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނަށް ތަމްރީން ޕްރޮގްރާމް ހިންގުމާއި، މަގުތަކުގެ ސަލާމަތީ ކަންކަން އިތުރު ކުރުމަށް ކުރެވެން ހުރި ކަންކަމުގައި އެއްބާރުލުން ހޯދުމާއި ބެހޭގޮތުންވެސް މިނިސްޓަރ ނަހުލާ ވަނީ ތައިލެންޑް މިނިސްޓަރާއި މަޝްރާކުރައްވާފައެވެ. އަދި ޓްރާންސްޕޯޓްގެ ދާއިރާއިން ތައިލެންޑާއެކު އައު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރެއްވުމާއި ބެހޭގޮތުންވެސް ދެ ގައުމުގެ މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިމަހުގެ 4 އިން 8 އަކަށް ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ތައިލެންޑަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރާއި ބައްދަލުކުރެއްވުމުގެ އިތުރުން ތައިލެންޑްގެ އެއާޕޯޓްސް ހިންގަމުން އަންނަ ކުންފުނި ކަމަށްވާ އެއާޕޯޓްސް އޮފް ތައިލެންޑްގެ އިސްބޭފުޅުންނާ ބައްދަލުކޮށް ރާއްޖޭގެ އެއަރޕޯޓުތަކުގެ ފެންވަރާއި ހިދުމަތްތައް ރަނގަޅު ކުރުމަށް އެއްބާރުލުން ހޯދުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އަދި ތައިލެންޑްގެ ސިވިލް އޭވިއޭޝަން ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކޮށް ދިވެހިން ސިވިލް އޭވިއޭޝަންގެ ދާއިރާއިން ތަމްރީން ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.