ވިޔަފާރި

މިމަހުގެ ނިޔަލަށް ކުންފުނިތަކުގެ އަހަރީ ފީ ދައްކަން އިލްތިމާސްކޮށްފި


މިމަހުގެ ނިޔަލަށް ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އިލްތިމާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކޮންމެ އަހަރެއްގެވެސް މާޗުމަހުގެ ނިޔަލަށް ކުންފުނިތަކުގެ އަހަރީ ފީ ދައްކަންޖެހެއެވެ.

ކުންފުނީގެ އަހަރީ ފީގެ ގޮތުގައި ޕްރައިވެޓް ކުންފުނިތަކުން ދެހާސް ރުފިޔާ އަދި ޕަބްލިކް ކުންފުނިތަކުން ދިހަ ހާސް ރުފިޔާ ދައްކަންޖެހެއެވެ. ސުންގަޑިއަށް ފަހު އެޕްރީލް މަހުގެ ތެރޭގައި ފީ ދައްކާނަމަ ފީ ބަލައިގަނެވޭނީ އެއްހާސް ރުފިޔާގެ ޖޫރިމަނާއަކާ އެކުގައިކަމަށް މީރާއިން ބުނެއެވެ. އަދި އެޕްރީލް މަހުގެ ފަހުން ކުންފުނި އަހަރީ ފީ ދައްކާނަމަ ފީ ބަލައިގަނެވެނީ ދެހާސް ފަސްސަތޭކަ ރުފިޔާގެ ޖޫރިމަނާއަކާ އެކުގަކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ބުނެއެވެ.

ކުންފުނިތަކުގެ އަހަރީ ފީއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ކުންފުނިތަކުން ވެސް ދައްކަން ޖެހޭ ފީއެކެވެ. އެހެންކަމުން ވިޔަފާރި ކުރަމުންދާ ކުންފުނިތަކެކޭ އެއްގޮތަށް، އެއްވެސް ވިޔަފާރިއެއް ކުރަމުންނުދާ ކުންފުނިތަކުން ވެސް މި ފީ ދައްކަންޖެހެއެވެ. ނަމަވެސް، މާރޗް މަހުގެ ކުރިން ކުންފުނި އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ހުރިހައި އިލްތިޒާމްތަކެއް ފުރިހަމަކޮށް، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ހުށަހަޅައި، އެ ލިޔުންތައް ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ ފަރާތުން ޤަބޫލުކޮށްފައިވާނަމަ އެ ފަދަ ކުންފުންޏަކުން 2019 ވަނަ އަހަރަށް އަހަރީ ފީ ދެއްކުން ލާޒިމް ނުވާކަމަށް މީރާއިން ބުނެއެވެ.

ކުންފުނީގެ އަހަރީ ފީ މީރާ ކަނެކްޓް އަދި ވާރު މެދުވެރިކޮށް އޮންލައިންކޮށް ވެސް ދެއްކޭނެއެވެ.