ތަރައްްޤީ

ހުރާ ހިއްކި ސަރަހައްދުގެ %95 މަސައްކަތް ނިންމައިފި - ހުރާ ކައުންސިލް


މާލެ އަތޮޅު ހުރާއަކީ ޢާމްދަނީ ހޯދުމުގެ ވަސީލަތްތައްގިނަ، ތަރައްގީވެފައިވާ ރަށެކެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރިއާއި ފެރީގެ ޙިދުމަތް ދިނުމާއި މިނޫންވެސް އިތުރު ގޮތްގޮތުން އެރަށުގައި އަންނަނީ ވިޔަފާރިތައް ކުރަމުންނެވެ. ތިންހާހެއްހައި މީހުން ދިރިއުޅޭ ހުރާއަކީ ބިމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ.

ރަށުން ބޭރު ގިނަ މީހުންނާއި ކައިރި ރިސޯޓް ތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކު ހުރާގައި ދިރިއުޅެމުންދެއެވެ. ހުރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ނިމިދިޔަ ސަރުކާރުންވަނީ ބިންހިއްކުމުގެ މަސައްކަތް އެރަށުގައި ފަށްޓަވައިދެއްވާފައެވެ. އަދި މިހާރުގެ ސަރުކާރުން އެމަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމަވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހުރާ ކައުންސިލްގެ ރައީސް އީސާ އަޙްމަދު ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތް ނިމުމުން އެރަށުގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. ބިމުގެ މަސައްކަތް ނިންމައި ކައުންސިލާ ބިން ޙަވާލުކޮށްފިނަމަ އެބިން ބޭނުން ކުރާނެގޮތުގެ ޕްލޭނެއް ތައްޔާރުކޮށްފައިވާކަމަށްވެސް އީސާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިއަށާއި އެހެނިހެން ވިޔަފާރިތަކަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅައި ބިންދޫކުރަން މިހާރު ޕްލޭންކޮށްފައިވާކަމަށެވެ. އަދި މިހުން ދިރިއުޅެންވެސް ބިން ދޫކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހުރާގެ ބިމުގެ ދަތިކަމަށް މިހާރު އައިސްފައިމިވާ ޙައްލަކީ އެރަށުގެ ރައްޔިތުން އަބަދުވެސް އެދިއެދިތިބި ކަމެއްކަމަށް ރަށު ކައުންސިލުން ފާހަގަކުރެއެވެ. ކައުންސިލުންވިދާޅުވީ އެރަށުގައި ދިރުއުޅެނީ ހަަމައެކަނި އެރަށުގެ ރައްޔިތުން ނޫންކަމަށާ އަމާޒަކީވެސް ގިނަބަޔަކަށް އެރަށުން ބިން ދޫކުރުންކަމަށެވެ.

ހުރާ ކައުންސިލަކީ ރަށުގެ ތަރައްގީއަށް ގިނަމަސައްކަތްތަކެއް ކުރައްވަމުންއަންނަ ކައުންސިލެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ވަޒީފާ އުފެއްދުމާއި ޢާމްދަނީ ހޯދާނެ ގިނަމަގުތައް ރަށުގައި ފަހިކޮށްދެއްވާފައިވެއެވެ. އެރަށުގައި ވަޒީފާ އަދާނުކުރާ އެއްވެސް ޒުވާނަކު ނުޅޭކަން ހުރާ ކައުންސިލުން ޔަގީން ކޮށްްދެއެވެ. ހުރާގައި ހިއްކިބިމާއެކު އެރަށުގެ ތަރައްޤީއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެކަމަށް ކައުންސިލުން ދެކެވަޑައިގަންނަވައެވެ.