އުރީދޫ މޯލްޑިވްސްގެ ޙިއްސާއަކަށް 3.22 ރުފިޔާ ބަހަން އެކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ނިންމައިފިއެވެ.
2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 545 މިލިއަން ރުފިޔާ އެވެ. 2017 ވަނަ އަހަރު މި އަދަދު އުޅުނީ 580 މިލިއަން ރުފިޔާގައެވެ. ހިއްސާގެ ގޮތުގައި ބަހަން ނިންމާފައި ވަނީ ފައިދާގެ 88 ޕަސެންޓެވެ. އުރީދޫގެ ހިއްސާގެ ތެރެއިން އާންމުންގެ ހިއްސާއަކީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ.
ދަރުބާރުގޭގައި ބޭއްވި 2018 ވަނަ އަހަރުގެ އުރީދޫގެ އަހަރީ އާންމު ޖަލްސާގައި 157 ހިއްސާދާރުން ބައިވެރިވިއެވެ. 157 ހިއްސާދާރުންނަކީ އާއްމުންގެ ހިއްސާގެ %90.9 ޕަސަންޓް ތަމްސީލްކުރެއެވެ.
މި ޖަލްސާގައި އުރީދޫ މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި، މާލީ ރިޕޯރޓްތަކާއި އޮޑިޓަރުންގެ ރިޕޯޓާއި، ޑިރެކްޓަރުންގެ ރިޕޯޓް ވަނީ ފާސްކޮށްފައެވެ. އަދި މީގެ އިތުރުން 2019 ވަނަ އަހަރު އޮޑިޓަރެއްގެ ގޮތުގައި ކޭ.ޕީ.އެމް.ޖީ ވަނީ ހަމަޖައްސާފައެވެ.
2005 ވަނަ އަހަރު ވަތަނިއްޔާ މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި ޚިދުމަތްދޭން ފެށި އުރީދޫ މޯލްޑިވްސްގެ ސަބްސްކްރައިބަރުންގެ އަދަދު މިދިޔަ އަހަރުގެ ނިޔަލަށް ހަތަރު ލައްކަ އަށް ވުރެ އިތުރެވެ.