ވޭތުވެދިޔަ ހަފްތާގައި މަގުމަތީގެ ފަސްދޮޅަސް ދެ އެކްސިޑެންޓް ރިޕޯޓްކޮށްފައިވާ ކަމަށް ޓްރެފިކް ފުލުހުން ހާމަކުރައްވައިފިއެވެ. ފުލުހުން މިކަން ހާމަކުރައްވާފައިވަނީ ކޮންމެ ހަފްތާއަކުނެރުއްވާ ޓްރެފިކް މައްސަލަތަކާއި ގުޅޭ ތަފާސްހިސާބު ރިޕޯޓްގައެވެ.
ވޭތުވެދިޔަ ހަފްތާގެތެރޭގައި މަގުމަތީގެ 62 އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ޓްރެފިކް ފުލުހުންވަނީ ވިދާޅުވެއެވެ. ފުލުހުންމިކަން ހާމަކޮށްފައިވަނީ ޓްރެފިކް މައްސަލަތަކާގުޅިގެން ފުލުހުން ތައްޔާރުކޮށް ނެރެމުން އަންނަ ރިޕޯޓްގައެވެ. މިރިޕޯޓްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި ހިނގި އެކިކަހަލަ އެސްސިޑެންޓްގައި ހަމީހަކަށް އެކިވަރުގެ އަނިޔާތައްވިކަމަށެވެ.
މިމަހުގެ 16އިން ފެށިގެން 22އަށް ފުލުހުން ހިންގި މަގުމަތީގެ އެކި އޮޕަރޭޝަންތަކުގައި 1094 އުޅަނދުވަނީ ޗެކްކޮށްފައެވެ.
ވޭތުވެދިޔަ ހަފްތާގައި ފުލުހުން ނެރެފައިވާ ޓްރެފިކް މެނޭޖްމަންޓް ރިޕޯޓަށް ބަލާއިރު އެންމެގިނަ މައްސަލަތައް އައިސްފައިވަނީ ލައިސަންސް ނެތި އުޅަނދުތައް ދުއްވުމާ ގުޅޭގޮތުންނެވެ. އެގޮތުން ލައިސަންސް ނެތި ދުއްވި 752 ފަރާތެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން ދެން އެންމެ ގިނައިން ފަހަގަވެފައިވަނީ އަހަރީ ފީގެ މުއްދަތުހަމަވުމުގެ މައްސަލަތަކެވެ. ފުލުހުން ހިންގާފައިވަ އެކި އެޕޮރޭޝަންތަކުގައި ވަނީ އަހަރީ ފީ ނުދައްކާހުރި 721 އުޅަނދެއް ފާހަގަވެފައެވެ. އަދި އުޅަނދުތަކަކީ ދުއްވުމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމަށް ހަދާ ރޯޑް ވަރތިނެސް ނެތިގެން 662 އުޅަނދު ފުލުހުންގެ އޮޕަރޭޝަންތަކުންވަނީ ފާހަގަވެފައެވެ. މީގެއިތުރުން އިންޝުއަރެންސް ނުދައްކާ ދުއްވި 201 އުޅަނދުގެ މައްސަލަ ޓްރެފިކް ފުލުހުން ފާހަގަކުރައްވާފައިވެއެވެ.
ޤަވާޢިދާ ޚިލާފަށް މަގުމަތީގައި ބޭއްވުމުގެ ސަބަބުން އެއް ކާރާއި، އެއް މޮޓޯ ސައިކަލްވަނީ ޓޯކޮށްފައެވެ.
ވޭތުވެދިޔަ ހަފްތާގެ ރިޕޯޓްގައިވާ ޓްރެފިކް މައްސަލަތަކުގައި، 18އަހަރުން ދަށުގެ 5 ކުއްޖަކު ސައިކަލު ދުއްވުމުގެ މައްސަލައާއި، ދުއްވަންޖެހޭ ސްޕީޑަށްވުރެ ބާރަށް ދުއްވުމުގެ ތިން މައްސަލައާއި، ޓްރެފިކް ލައިޓަށް ކަމޭނުހިތުމުގެ 5 މައްސަލައާއި، ޓްރެފިކް ނިޝާންތަކަށް ޢަމަލުނުކުރުމުގެ 63 މައްސަލަވެސް ހިމެނެއެވެ.
ޓްރެފިކްގެ މައްސަލަތައް ދެނެގަނެ، އެކަމާގުޅޭ މަޢުލޫމާތު ޓްރެފިކް ފުލުހުން ގެންދަނީ ކޮންމެ ހަފްތާއަކުވެސް ޢާއްމުކުރަމުންނެވެ. މިގޮތަށް މަޢުލޫމާތު ޢާއްމުކުރަމުންދަނީ ޓްރެފިކްގެ ގަވައިދުތަކަށް މީހުން ހޭލުންތެރިކުރުވައި މަގުމަތީގައި ހިނގާ މިފަދަ ޙާދިސާތައް މަދުކޮށް، ގަވައިދުތަކަށް މީހުން އަހުލުވެރިކުރުމަށްކަމަށް ފުލުހުން ބުނެއެވެ.