ގައުމީ ބެޑްމިންޓަން ޓީމުން ކުޅުންތެރިން ވަކި ވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ގެއްލުމަކާއި ދެރައެއް ކަމަށާއި، އުންމީދު ކުރަނީ އެކުޅުންތެރިންނަށް ވިސްނި އަނބުރާ އައުން ކަމަށް ރާއްޖޭގެ އެންމެ ސީނިއަރ ދެ ކުޅުންތެރިންކަމަށްވާ މުހައްމަދު އަޖުފާނާއި ނީލާ ނަޖީބު ބުނެފިއެވެ.
އަޖުފާނާއި ނީލާ މިހެން ބުނީ ބެޑްމިންޓަން ގައުމީ ޓީމްގައި ހިމެނޭ ޒަޔާން ޒަކީ އަދި އަހުމަދު ތޯއިފް ގައުމީ ޓީމުން ވަކި ވުމާ ގުޅިގެންނެވެ. ވޭތުވެދިޔަ އަހަރު އޮތް މޮރިޝަސް އިންޓަނޭޝަނަލް ސީރީޒްގައި ފިރިހެން އަދި މިކްސްޑް ޑަބަލްސްން ލޯ މެޑަލް ހޯދައި، ގައުމީ މުބާރާތުގެ މިކްސް ޑަބަލްސްއިން ރަން މެޑަލް ހޯދި ތޯއިފް ޓީމުން ރިޓަޔަރ ކުރީ އޭނާގެ ސިއްހީ ހާލަތު ތަން ނުދޭތީއާއެކު، ކިޔެވުމަށް ވަގުތު ހުސްކުރުމަށެވެ. ނަމަވެސް ޒަޔާން ޓީމުން ވަކިވި ވަކި ސަބަބެއް އެސޯސިއޭޝަނަށް އަންގާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން އަޖުފާން ބުނީ ޓީމް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ތައްޔާރުވަމުން އަންނަތާ އަހަރެއްވެފައިވާ ކަމަށެވެ. އަދި އައިއޯއައިޖީ ފެށުމަށް ބާކީ ކުޑަ ދުވަސްކޮޅެއް އޮތުމާއެކު، މި ވަގުތަކީ ޓީމަށް ކޮންމެ ކުޅުންތެރިއެއްވެސް މުހިންމުވެފައިވާ ވަގުތެއްކަމަށެވެ. މިހާތަނަށް ޓީމުން މަސައްކަތް ކުރަމުން އައީ ވަކި ޓާގެޓެއް ކަނޑައަޅައި، އެ ޓާގެޓަށް ވާސިލުވުމުގެ އަޒުމުގައި ކަމުން އެ ޓާގެޓަށް ވިސްނުމުގެ ބަދަލުގައި، އަމިއްލަ މައްސަލަތަ އިސްކޮށް ޓީމުން ވަކިވުމަކީ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވޭތުވެ ދިޔަ އަހަރުގެ ގައުމީ ބެޑްމިންޓަން ޗެމްޕިއަން ބުންޏެވެ.
"ކަންތައްތައް އަންނާނެ. އަޅުގަނޑަށްވެސް އިނގޭ ކަންތައްތައް ހުންނާނެކަން. އެކަމަކު އެއާ އެކުވެސް އަޅުގަނޑުމެން ގައުމަށްޓަކާ ހޯދަން މަސައްކަތްކުރާ ގޯލްޑް މެޑަލް، ބެޑްމިންޓަން ފެމިލީ އަދި ކޮމިއުނިޓީއަށްވެސް ވަރަށް މުހިންމު މެޑަލްއެއް މިއީ. މިއަށް ކޮންމެ ކުއްޖެއްވެސް އެ އަންނަނީ ވަރަށް ބޮޑު ސެކްރިފައިޒް ތަކެއް ވެފަ. އެ ދެކުދިންވެސް އައީ ހަމަ އެގޮތަށް. މިއީކީ އެ ވަގުތެއް ނޫން، ދޫކޮށްލާފަ ދާކަށް. މި ކަހަލަ ވަގުތެއްގަ އެކަހަލަ ޑިސިޝަންއެއް ނެގީމަ އަޅުގަނޑުވެސް މިހުރީ ވަރަށްބޮޑަށް ހައިރާންވެފަ. އުންމީދުކުރަނީ އެކުދިން އަނބުރާ އަންނާނެ ކަމަށް. އައިސް ކުރަން އޮތް މަސައްކަތުގެ މުހިންމު ބައެއް އަދާކޮށް ކަނޑައެޅި ޓާގެޓަށް މަސައްކަތް ކުރާނެކަމަށް. އެއީ އަޅުގަނޑުގެ އެދުމަކީވެސް" އޭނާ ބުންޏެވެ.
ނީލާ ބުނީ ޓީމް އިވެންޓްގައި ވަކި ޓާގެޓަކަށް މަސައްކަތް ކުރަމުން ދަނިކޮށް ޒަޔާން އާއި ތޯއިފް ޓީމާ ދުރުވުމަކީ ޓީމަށް ލިބުނު ދެރައެއް ކަމަށެވެ. އަދި އައިއޯއައިޖީގައި ބެޑްމިންޓަން ޓީމް ހާސިލުކުރަން ބޭނުންވާ ޓާގެޓަށް ވާސިލުވުމުގައި ޓީމަށް ފުރުސަތު ބޮޑުވާނީ އެ ކުޅުންތެރިން ޓީމާއެކު ތިބެގެން ކަމަށާއި، އެ ކުޅުންތެރިން އަލުން ޓީމާ ގުޅޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.
"މިހާ ހިސާބަށް މަސައްކަތް ކުރަމުން އައިސް މިކަހަލަ ކަމެއް ދިމާވީތީ ވަރަށް ދެރަވޭ. އަދިވެސް ކުޅުމާ ދޭތެރޭ ވިސްނައިފިއްޔާ އަޅުގަނޑު ހިތަށް އަރަނީ އަދި އެކުދިންނަށް ވިސްނިގެން އަންނާނެއޭ. އެއީ އަޅުގަނޑު މިތަނަށް އަންނަނީ ގައުމަށް ރީތި ނަން ހޯދައިދޭން. އަޅުގަނޑު ވަކިން އައިސް ކުރާ މަސައްކަތަކީ މުޅި ޓީމަށް ކޮށްދޭ މަސައްކަތެއް. އެގޮތަށް ވިސްނުން ބަހައްޓާ އެކުދިންވެސް މަސައްކަތް ކޮށްފިއްޔާ އެއީ އަޅުގަނޑުމެންނަށް ލިބޭނެ ކުރިއެރުމެއް. ހިތްހަމަ ނުޖެހޭ ކަންތައްތަކެއް އަޅުގަނޑަށްވެސް ދިމާވެފަ ހުރީ. އެކަމަކު މިތަނަށް އަންނަނީ ކުޅެން. އެމައްސަލަތަކު ތެރެއަށް ނުވަދެ ކުޅުމަށް ސަމާލުކަންދޭންވީ." ނީލާ ބުންޏެވެ.
ޒަޔާނާއި ތޯއިފް ގައުމީ ޓީމުން ވަކިވި ނަމަވެސް މިހާރު ތިބި ކުޅުންތެރިންނާއެކު އަދިވެސް މަސައްކަތް ކުރާނީ އައިއޯއައިޖީން ރަން މެޑަލް ހޯދަންކަމަށް ނީލާ އަދި އަޖުފާންވެސް ބުންޏެވެ.