ޚަބަރު

މުސްތަޤްބަލުގައި ސިޓީތަކުގެ ސްކޫލުތައް ހިންގާނީ ސިޓީ ކައުންސިލް ހިމެނޭ ބޯޑަކުން- މިނިސްޓަރ


މުސްތަޤުބަލުގައި ރާއްޖޭގެ ސިޓީތަކުގެ ސްކޫލްތައް ހިންގާނީ ސިޓީ ކައުންސިލް ހިމެނޭ ބޯޑަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ކައުންސިލާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޔުނިޓެއް އެ ކައުންސިލުގައި ޤާއިމުކޮށް ސްކޫލުތަކާއެކު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހި ކުރުމާގުޅެގޮތުން މިނިސްޓަރާއި މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ މުސްތަޤުބަލުގައި ސިޓީތަކުގެ ސްކޫލުތައް ހިންގާނީ ކައުންސިލް ތަމްސީލުކުރާ ބޯޑަކުންކަން ފާހަގަކުރައްވާ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ސްކޫލުތައް ހިންގަން ފެށުމުން ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސްގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް ކައުންސިލްތަކުގައި އެޑިއުކޭޝަން ޔުނިޓް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅަކީ ސްކޫލްތަކުގައި ޕްލާސްޓިކް ފުޅިތައް ގެންގުޅޭ މިންވަރު މަދުކުރުމުގެ ޤައުމީ ކެމްޕޭނުގެ ދަށުން ތަޢާރަފްކޮށްފައިވާ ރީޔޫސަބަލް (ބީ.ޕީ.އޭ ފްރީ) ފެންފުޅި ފުވައްމުލައް ސިޓީގެ ސްކޫލްތަކާއި ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.