ޚަބަރު

އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް 1.3 މިލިއަން ރުފިޔާގެ އެހީގެ ތަކެތި ޖަޕާނުން ރާއްޖެއަށް ދީފި


އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް 1.3 މިލިއަން ރުފިޔާގެ އެހީގެ ތަކެތި ޖަޕާނު ސަރުކާރުން ރާއްޖެއަށް ދީފިއެވެ.

މި އެހީގެ ދަށުން ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އަލިފާން ނިއްވާ 1 ވެހިކަލާއި، އަލިފާނާއި ދުމުގެ ތެރެއިން ސާފުކޮށް ފޮޓޯ ފެންނަ ތަރމަލް އިމޭޖިންގ ކެމެރާއަކާއި، ދުމުގެތެރޭގައި ނޭވާލުމަށް ބޭނުންކުރާ މާސްކެވެ. މި ތަކެތި ރާއްޖެއަށް ގެނައުމުގެ ހުރިހާ ޚަރަދެއް ކުރުމަށްވެސް ހަމަޖެހިފައިވަނީ ޖަޕާނު ސަރުކާރުގެ އެހީގައެވެ.

ޖަޕާނު ސަރުކާރުން ހަދިޔާކުރި މި ވެހިކަލް ހަވާލުކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީއާ. ވެހިކަލް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިއެވެ. މި އެއްބަސްވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙުސައިންއެވެ.

ނޭޝަނަލް ޑިޒަސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙުސައިން ވިދާޅުވީ މި ވެހިކަލަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެހީވެދިނުމަށް ޖަޕާނުން ހަދިޔާކުރި ވެހިކަލެއް ކަމަށެވެ.

"ކާރިސާތަކަށް އިޖާބަދީ، އަވަސް ފިޔަވަޅު އަޅައި އެހީވުމަށް، މި ވެހިކަލްތައް ބޭނުންކުރާނީ އެމްއެންޑީއެފްގެ އަލިފާން ނިއްވުމުގެ މަސައްކަތްތަކުގައި. މި ގްރާންޓް ޕްރޮޖެކްގެ އަގަކީ 1.3މިލިއަން ރުފިޔާ." ހިސާން ވިދާޅުވިއެވެ.

ވެހިކަލް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާ ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރް ކެއިކޯ ޔަނާއި ވިދާޅުވީ މިފަދަ ކާރިސާތަކުގައި ދޭ އަވަސް އެހީ އިތުރުކުރުމަށް ޖަޕާނު ސަރުކާރުގެ އެހީ އަބަދުވެސް ލިބޭނެކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ޖަޕާނުން ފޯރުކޮށްދިން އެހީ ސަފީރު ފާހަގަކުރެއްވިއެވެ.

"ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަށް އެހީވުމަށް 2015ވަނަ އަހަރު 5.5މިލިއަން ޑޮލަރުގެ އެހީ އަދި 2017ވަނަ އަހަރު 4.6 މިލިއަން ޑޮލަރުގެ އެހީ ޖަޕާނު ސަރުކާރުން ދީފައިވަނީ." ސަފީރު ވިދާޅުވިއެވެ.

ޖަޕާނުން ހަދިޔާކުރާ ފަޔަރ ވެހިކަލް އެއް އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮޓޯރިޓީން ވިދާޅުވޭ.