ބ.އޭދަފުށީގައި ޤާއިމް ކޮށްފައިވާ ފެންޕްލާންޓުން އަންނަ ޙަފްތާގެ ތެރޭގައި އެރަށަށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދޭންފަށާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ފެނަކަ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ އައިމިނަތު ދުންޔާ ވިދާޅުވީ، ފެން ދޫކުރުމަށް ވާނެޖެހޭ ތައްޔާރީތައް ފެނަކަ އޭދަފުށީ ބްރާންޗުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ، ރަޖިސްޓްރޭޝަންގެ މަސައްކަތުގެ އިތުރުން މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ކުރިއަށް ދަނީ ރެޖިސްޓޭޝަންގެ މަސައްކަތް، އެމަސައްކަތް ނިމުނުހާ އަވަހަކަށް ، އަޅުގަނޑުމެން މިބަލަނީ މިއަނަން ހަފްތާއަށް ރެޖިސްޓްރޭޝަން ނިންމާލެވޭތޯ، ހަމަ ނިމުމާއެކު އަންނަ ޙަފްތާގެ ތެރޭގައި ފެން ފޯރުކޮށްދެވޭނެކަމަށް މިބަލަނީ" އައިމިނަތު ދުންޔާ ވިދާޅުވިއެވެ.
ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަރ ނޭޝަނަލް (އޯފިޑް) ގެ އެހީތެރިކަމާއެކު ރައްކާތެރި ސާފު ބޯފެން އޭދަފުޢްޓަށް ފޯރުކޮށްދިނުމަށް ޤާއިމުކުރި މި ފެންޕްލާންޓް އެންވާރަމެންޓް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
މި މަސައްކަތްކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ ދަށުން 675 ކަނެކްޝަން ވަނީ ގުޅާދީފައެވެ. ސާފު ބޯފެފެން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން ބ. އޭދަފުށީގައި 16 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމުކޮށް ދުވާލަކު 120 ޓަނުގެ ފެން އުފެއްދޭ ވަރުގެ އާރު.އޯ ޕްލާންޓެއް ވަނީ ބަހައްޓާފައެވެ.
މި ފެން ޕްލާންޓުން ތައްޔާރު ކުރާ ފެން ރައްކާކުރުމަށް 1.8 މިލިއަން ލިޓަރ ރައްކާ ކުރެވޭނެ 2 ތާންގީ ވަނީ ބަހައްޓާފައެވެ. އަދި މީގެ އިތުރުން ވާރޭ ފެން ރައްކާ ކުރުމަށް 1 ލައްކަ ލީޓަރުގެ ޓޭންކެއްވެސް ވަނީ ބަހައްޓާފައެވެ.
37 މިލިއަނަށް ވުރެ ގިނަރުފިޔާ ޙަރަދުކޮށްގެން ކުރިއަށްގެންދާ މިމަސައްކަތަކީ ދިވެހިސަރުކާރާއި އޯޕެކް ފަންޑްފޯ އިންޓަރނޭޝަނަލް އޯފިޑް ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.