ޚަބަރު

ހަނިމަގުތަކަށް ބަދަލުތަކެއް ގެނެސް، ޕާކިން ކޮންޓްރޯލްކުރަނީ


  • މަގުގެ އެއް ފަޅީގައި ޕާކް ކުރެވޭ ގޮތަށް 4 މަގެއް ހެދުމަށް ދަނީ ތައްޔާރުވަމުން

  • މަގުތަކަށް ބަދަލު ގެންނާނީ އާއްމުންނާއި މަޝްވަރާކުރުމަށްފަހު

މާލޭގެ ހަނިމަގުތަކުގެ ޑިޒައިނަށް ބަދަލުގެނެސް ޕާކު ކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހެދުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ، މާލޭގެ މަގުތައް ތަރައްޤީވެގެން ދާއިރު މާލޭގެ ޓްރެފިކް މައްސަލައަށްވެސް ވަށާޖެހޭ ހައްލެއް އަންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ 11 ނުކުތާގެ ތަޞައްވަރު ހިއްސާކޮށްދެއްވާފައެވެ. ވަޒީރު ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ ހުރިހާ މަގެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި، އެމަސައްކަތް ކުރިއަށްދާއިރު މާލޭގެ ޓްރެފިކް މައްސަލައަށް ވަށާޖެހޭ ހައްލެއް އައުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ކަމަށެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޕާކިން މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދެ ގޮތަކަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާއެވެ. އެއްގޮތަކީ ޕާކިން ޒޯންތަކާއި ޕާކިން އިމާރާތްތައް ތަރައްޤީ ކުރުމެވެ. މީގެ އިތުރުން މަގުތަކުގެ އަރިމަތީގައި ޕާކު ކުރުމުން ދިމާވާ މައްސަލަ ހައްލުކުރަން މަގުތަކުގެ ޑިޒައިނަށް ބަދަލު ގެނެސް، ޕާކު ކުރާ ގޮތްތަކަށްވެސް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިމަސައްކަތުގެ ދަށުން ސާމްޕަލަކަށް ނުވަތަ ތަޖުރިބާ ކުރުމަށް 4 މަގަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަގުތަކަކީ މަގުގެ ދެފަޅީގައި ޕާކު ކުރުމުން 4 ފުރޮޅުލީ އުޅަނދަށް ނުދުއްވޭ މަގުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޚާއްސަކޮށް ހަތަރުފުރޮޅުލީ އުޅަނދަށް ނުވަދެވޭ މަގުތައް، އެއް ފަރާތުގައި ޕާކުކޮށްފައި އަނެއް ފަރާތް ހުސް ކުރެވޭނެ ގޮތާއި. ގޭގެއިން ނިކުންނައިރު އެގެއިން ނިކުންނަ ދޮރާއި، މަގުމައްޗަށް ދާން ވެއްޖެއިއްޔާ އަނެއްފަރާތުގައި ހުންނަ ފިހާރައަކަށް ދާންޖެހިއްޖެއިއްޔާ މަގުގެ ކޮޅަށް ދާން ނުޖެހި ކޮންމެވެސް ދިމާލަކަށް ނިކުމެވޭ ގޮތަށް ހެދުން، މިގޮތަށް ވަރަށް ރީއްޗަށް ކުރެހިގެން. ކަންމަތީގައިވެސް ޕާކު ނުކުރެވޭ ގޮތްތަކެއް ހުންނާނެ." ވަޒީރު ވިދާޅުވިއެވެ.

މިގޮތަށް ތަރައްޤީކުރާ މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހެދުމަށް ޓްރެފިކް ޕޮލިސް އަދި ބޭރު ޤައުމުތަކުގައި ހުންނަ ފަދަ މުނިސިޕަލް ވަސީލަތްތައް ބޭނުން ކޮށްގެން ޕާކިން ވީހާވެސް ބޮޑަށް ކޮންޓްރޯލް ކުރެވޭ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކަށް މިފަދަ ބަދަލު ގެންނައިރު، މިކަމަށް ބޭނުންވާ ބަޖެޓު، އަހަރީ ފީއާއި ރެޖިސްޓްރޭޝަން ފީ ހިމެނިގެން މާލެ ސަރަހައްދުން ލިބޭ އާމްދަނީއިން ހަމަޖައްސާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ، މާލެ މަގުތަކުގައި ދުއްވާ އުޅަނދުތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އުޅަނދުތަކުން ނެގޭ ފީ އަކީ ބޭނުން ކުރަންޖެހޭ އެއްޗެއްކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލުން މުނިސިޕަލް ޚިދުމަތްތައް ދިނުމަށް ބަޖެޓުގައި ވަކި ބައިތައް ކަނޑައެޅިފައި ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި މިހާތަނަށް 130،806 އުޅަނދު ރަޖިސްޓްރީ ކޮށްފައިވެއެވެ. އޭގެ ތެރޭގައި 115،895 ސައިކަލާއި، 14،911 ހަތަރު ފުރޮޅުލީ އުޅަނދު ހިމެނެއެވެ. ސަރުކާރުން ވިދާޅުވީ، މި އުޅަނދުތަކުން އަހަރެއްގެ މައްޗަށް 200 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭ ކަމަށެވެ.