ޚަބަރު

އައިހެވަން މަޝްރޫއާއި ގުޅޭ މުހިންމު މަސައްކަތްތަކެއް ފަށަނީ


އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ އައިހެވަން މަޝްރޫއުގެ ތަފްސީލުތައް ތައްޔާރު ކުރުމަށް ހަވާލުކޮށްފައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގުރޫޕުން އެމަޝްރޫއުގެ ފައިނޭންޝަލް އަދި ޓެކްނިކަލް ފީސިބިލީގެ މަސައްކަތް ކުރިއަށް އޮތް ދެހަފްތާގެތެރޭގައި ފަށްޓާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.އެމްބީސީގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ އައިހެވަން މަޝްރޫއު ދިރާސާކުރުމަށް މިހާރު ރާއްޖެއައިސްގެންއުޅޭ ބީސީޖީ ޓީމުން އިހަވަންދިއްޕޮޅަކީ އިންވެސްޓަރުން އިންވެސްޓްކުރުމަށް ކިހާ ޝައުގުވެރި ތަނެއްތޯ ދިރާސާކުރާނެކަމަށާއި، އެތަނުގައި އެންމެ އެކަށީގެންވަނީ ކޮންކޮން މަޝްރޫއުތަކެއްތޯވެސް ބަލާނެކަމަށެވެ.އައިހެވަން މަޝްރޫއު ދިރާސާކުރުމަށް ހަވާލުކޮށްފައިވާ ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ)ގެ ޓީމު ރާއްޖެ އައިސްފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.އިހަވަންދިއްޕޮޅުގައި ކުރާ ޓެކްނިކަލް ފީސިބިލިޓީގައި ހިމެނޭ ކަންކަމުގެ ތެރޭގައި އެސަރަހައްދުގެ ފުންމިނާއި އެތަން އުފެދިފައިވާ ގޮތް ދިރާސާކުރުމުގެ އިތުރަށް، ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ހަ ކޮމްޕޯނެންޓަކީ އެސަރަހައްދުގައި ތަރައްގީކުރަން އެންމެ އެކަށޭނަ ކަންކަންތޯ ބެލުމަށްވަނީ ހަމަޖެހިފައެވެ. އަދި އައިހެވަން މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިއްކިދާނެ ބިމުގެ ބޮޑުމިނާއި އެ ކަމަށް ހޭދަވާނެ ފައިސާގެ އަދަދު ވެސް އެފަރާތުންކުރާނެ ދިރާސާތަކުގެ ތެރޭގައި ހިމެނެއެވެ.އިތުރުންވެސް ސަރުކަރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވި، ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، މާލެއާއި ހުޅުލެއާއި ދެމެދު އަޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ މަޝްރޫއަށް ކުރިން ނުލިބޭވަރުގެ ބޮޑު ޔަޤީންކަމެއް އެފަރާތުންލިބިފައިވާކަމަށެވެ. އެގޮތުން ބްރިޖްގެ މަޝްރޫއަކީ ޗައިނާއިން އެންމެ އިސްކަމެއްދީގެން ސީރިއަސްކޮށް ބަލަމުން އަންނަ މަޝްރޫއެއްކަމަށް ޗައިނާގެ ކޮމާޝަލް މިނިސްޓަރ ވިދާޅުވެފައިވާކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.މީގެ އިތުރުން މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމާއި ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ވިޔަފާރި ބަނދަރަކީ ފަސްދޮޅަސް ހާސް ކޮންޓައިނަރު ޖެހޭ ޖާގައެއް ނަމަވެސް ތިލަފުށީގައި އަލަށް ގާއިމް ކުރާ ވިޔަފާރި ބަނދަރަކީ މިހާރުގެ ބަނދަރަށްވުރެ ހަތަރުގުނަ ބޮޑު ބަނދަރަކަށް ވެގެންދާނެކަމަށެވެ. އެއީ ގާތްގަނޑަކަށް ދުއިސައްތަ ފަސްދޮޅަސް ހާސް ކޮންޓެއިނަރގެ ޖާގައެވެ.އަމިއްލަ ހަރަދުގައި އެ ބަނދަރު ތަރައްގީ ކުރުމަށް ދެ ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް ސަރުކާރުންވަނީ ބުނެފައެވެ.