ޚަބަރު

ޢިޖްތިމާޢީ ބޯހިޔާވަހިކަން ޒުވާނުންނަށް،އަތްފޯރާ ވަރުގެ ނިޒާމަކަށް


ސަރުކާރުން ފޯރުވައިދޭ ޢިޖްތިމާޢީ ބޯހިޔާވަހިކަމުގެ ނިޒާމަކީ ޒުވާނުންނަށް، އަތްފޯރާ ވަރުގެ ނިޒާމަކަށް ހައްދަވައި ދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލެއްވުމަށް މިއަދު ހުޅުމާލެއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވަދާޅުވީ ހުޅުމާލޭގެ ދެވަނަފިޔަވަހީގެ ދަށުން ލަގްޒަރީ ފެންވަރުގެ ޢިމާރާތްތަކުގެ އިތުރުން އެކި ފަންތީގެ އާންމުންނަށް ދިރިއުޅެވޭނެ ފެންވަރުގެ ޢިޖްތިމާއީ ބޯހިޔާވަހިކަންވެސް ފޯރުކޮށްދެވިގެން ދާނެކަމަށެވެ. އަދި ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީ ކުރުމަށް އެމަނިކުފާނު ވެފައިވާ ވަޢުދުގެ ދަށުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޒަމާނީ ވަސީލަތްތަށް ހުޅުމާލޭގައި ޤާއިމް ކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ރައީސް ޔާމިން ވިދާޅުވީ ހުޅުމާލެ ތަރައްޤީއާއި ގުޅިފައިވާ ހުޅުލޭ މާލޭ ބްރިޖް ގެ މަސައްކަތްވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އުމްރާނީ މަސައްކަތާއި އެކުއެކީ ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި ބްރިޖްގެ ހިދުމަތް ދެވެންފަށާއިރު ހުޅުމާލެ ވެގެންދާނީ އާބާދުވެފައި ވާ ހިއްގައިމު ސަހަރަކަށް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.ހުޅުމާލެއަށް ބަދަލުވާން ބޭނުންވާ ކުދިރަށްރަށުގެ ރައްޔިތުންނަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ މިހާރުވެސް އެކަމަށް އެދި ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ. އަދި ހުޅުމާލޭގެ ދެފިޔަވަހީގެ މަސައްކަތްތަށް އެއްކޮށް ނިމޭއިރު ޖުމްލަ ދެލައްކަ ތިރީސްހާސް މީހުންނަށް ހުޅުމާލޭގައި ދިރިއުޅެވޭނެކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢަކީ ސަރުކާރުން މިއަހަރަށް ކަނޑައަޅާފައި ވާ މުހިންމު މަޝްރޫޢު ތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އެގޮތުން ހުޅުމާލޭ ދެވަނަފިޔަވަހީގައި ހިއްކަންޖެހޭ ދުއިސައްތަ ސާޅީސް ހެކްޓަރ ހިއްކުމުގެ ނުވަދިހަ ފަހެއް އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.