ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކާ މިއަހަރު އެކަނިވެސް 156 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭކިޔެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާ ގުޅޭގޮތުން މީޑިއަށް މަޢުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، މަތީ ތަޢުލީމާއި ގުޅުންހުރި ހުރިހާ ސިޔާތުތަކެއްވެސް މި ސަރުކާރުން ތަންފީޒުކުރާނީ އެކަމަށް ބޭނުންވާ ފައިސާ ބަޖެޓްކޮށް ލިބުމުންކަމަށެވެ. އެގޮތުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވަނީވެސް އިޤްތީޞާދީގޮތުން ހުރި ގޮންޖެހުންތަކާއެކުވެސް އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަމާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، އަލަށް މި ހުޅުވާލި ފުރުޞަތާއެކު 9 ހާހާއި 10 ހާހާއި ދެމެދުގެ ދަރިވަރުންތަކެއް، މިކަމަށް ކުރިމަތިލާނެކަމަށް ބެލެވޭކަމަށެވެ. އަދި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކާ މިއަހަރަށް އެކަނިވެސް 156 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށާއި، އޭގެ ތެރެއިން ބޮޑުބައެއް ޚަރަދުކުރެވިގެންދާނީ އަމިއްލަ ކޮލެޖްތަކުގެ ޓިއުޝަން ފީތަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މިއަހަރަށް މި އަންދާޒާކުރަނީ 156 މިލިއަން ރުފިޔާ މިކަމަށް ޚަރަދުވާނެކަމަށް.. މީގެ ތެރެއިންވެސް ހަޤީޤަތުގައި އެންމެ ބޮޑުބައެއް މިދަނީ ޕްރައިވެޓް ސެކްޓަރަށް.. އަޅުގަނޑުމެން އަންދާޒާކޮށްފައިވާ ބަޖެޓުގެ 60 އިންސައްތަ ދާނީ ޕްރައިވެޓް ސެކްޓަރުގައި ހިންގާ ކޯސްތަކުގެ ޓިއުޝަން ފީއަށް.. އަދި 34 އިންސައްތަ މި ދަނީ ސަރުކާރުގެ 2 ޔުނިވަރސިޓީގައި ހިންގާ ކޯސްތަކަށް.." މިނިސްޓަރ ވިދާޅުވިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އުސޫލު އެ މިނިސްޓްރީގެ ފަރާތުން މިހާރު އެކުލަވާލާފައިވާއިރު، މި އުސޫލުގައި އެންމެ ބޮޑަށް ބާރު އަޅާފައިވަނީ އެ ދަރިވަރަކު ކިޔަވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމް.ކިޔު.އޭއިން ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ ކޯސްތަކަކަށްވުން ކަމަށެވެ. އަދި މި ސްކީމުގައި އަލަށް ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އިތުރުން މިހާރުވެސް ފުރަތަމަ ޑިގްރީގެ ކޯސް ފުރިހަމަ ކުރަމުންދާ ދަރިވަރުންގެ ކޯހުގެ ޚަރަދުގެ ތެރެއިން 2019 ވަނަ އަހަރަށް އެއްވެސް ސެމިސްޓަރއެއްގެ ކޯސް ފީ ދައްކާފައިވާނަމަ، އެ ލާރި ސަރުކާރުން އަލުން އަނބުރާ އެ ދަރިވަރަކަށް ރީފަންޑު ކޮށްދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ހިލޭ ކިޔަވައިދޭ ކޯސްތަކަކީ އެމް.ކިޔު.އޭއިން އެ ކޯހެއް ހިންގުމަށް ހުއްދަދީފައިވާގޮތަށް ހިންގާ ކޯހަކަށް އެނބަވާންޖެހޭ. މިހާރު ސެމިސްޓަރ ފީ ޔުނިވަރިސިޓީތަކަށާއި ޕްރައިވެޓް ކޮލެޖްތަކަށްވެސް ދައްކާފައިވާ ދަރިވަރުންނަށް މި އުސޫލުގެ ތެރެއަށް ފެތޭކަމަށްވަންޏާ އަޅުގަނޑުމެން އެ ފީ އެކުއްޖަކަށް ރީފަންޑުކޮށްދޭނަން.. މީގަ އަނެއް މުހިއްމު ނުކުތާއަކީ މިފުރުޞަތު މި ހުޅުވާލެވެނީކީ މިއަހަރު އަލަށް ޑިގްރީ ކޯހަކަށް އެންރޯލްވާ ކުދިންނަކަށްނޫން. މިހާރުވެސް ފުރަތަމަ ޑިގްރީއަށް ކިޔަވާކުދިންގެ މިއަހަރުގެ ކޯސް ފީގެ ޚަރަދުތައް ކަވަރކޮށްދޭނަން"- މިނިސްޓަރ ވިދާޅުވިއެވެ.
ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާއިރު، މިކަމަށް ޝައުގުވެރިވާ ކުދިިންނަށް އެކަމަށް އެދި ކުރިމަތިލާ އެޕްލިކޭޝަން ފޯމް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ޕޮލިޓެކްނިކްގެ އެކަމަށް ޙާއްސަކޮށްފައިވާ މޭޒުން ލިބެން ހުންނާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ފޯމް ހުށަހަޅާ ދަރިވަރުން އެ ކުއްޖަކު ކިޔަވަން ބޭނުންވާ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖަކުން ކޯސް ހެދުމުގެ ޖާގަ އޮތްކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭނެކަމަށެވެ. މިކަމަށް ކުރިމަތިލުމުގައި ވަކި މުއްދަތަކެއް ކަނޑައަޅާފައި ނުވާކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.