ސިއްހަތު

ގައިން ގަޔަށްނާރާ ބަލިތަކަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ހިންގައިފި


ގައިން ގަޔަށްނާރާ ބަލިތަކަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ހިންގައިފިއެވެ.

ހެލްތް މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ މިޕްރޮގްރާމް ފަށާފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފަށާފައިވާ މި ޕްރޮގްރާމް ފެށުމުގެ ގޮތުން ވަނީ ފުވައްމުލަކު ސިޓޫގެ އައިޑިއަލް ސްކޫލުގެ ހުރިހާ މުވައްޒަފުން ސްކްރީން ކޮށްފައެވެ.

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕެއިން "25 އަށް 25" މިދިޔަ 2018 ވަނަ އަހަރުގެ މާރިޗް މަހު ވަނީ ފަށާފައެވެ. މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު 2025 ވަނަ އަހަރު އަންނަން ވާއިރަށް، 25 ޕަސެންޓަށް މަދުކުރުމެވެ.

ރާއްޖޭގައި މަރުވާ މީހުންގެ 80 އިންސައްތައަކީ ގައިން ގަޔަށް ނާރާ ބަލީގައި މަރުވާ މީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހިތުގެ ބައްޔާއި ކެންސަރު ބައްޔާއި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ހަކުރުބަލި ފަދަ ބަލިތަކުގައި މަރުވާ މީހުންކަމަށް ޑަބްލިޔު އެޗްއޯގެ ރިކޯޑްތަކުން ދައްކައެވެ.