ޚަބަރު

ފްލެޓަށް އެދި އޮންލައިންކޮށް ހުށަހެޅޭ ޕޯޓަލް ލޯންޗުކޮށްފި


ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ ތެރެއިން ދޫކުރާ ފްލެޓްތަކަށް އެދި ހުށަހެޅޭނެ އޮންލައިން ޕޯޓަލެއް ތަޢާރަފުކޮށްފިއެވެ.

"މަގޭ ހިޔާވެހި"ގެ ނަމުގައި އަލަށް ތަޢާރަފުކުރި މި ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކާ ސްޓެލްކޯ މާލަމުގައި މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާއެވެ. މިއީ ރައީސް ޞާލީޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފްލެޓަށް އެދުމަށް ކިއުގައި ޖެހެންނުޖެހޭ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ތަޢާރަފުކުރި ޕޯޓަލެކެވެ.

އަލަށް ތަޢާރަފުކުރި މި ޕޯޓަލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދު ވިދާޅުވީ، މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދިވެއްސަކަށް، ބޭނުން ވަގުތަކު ބޭނުން ތާކު ހުރެގެން، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ހޯދޭނެކަމަށެވެ. އަދި މިއަދުން ފެށިގެން މި ޕޯޓަލަށް ކޮންމެ މީހަކަށްވެސް ރަޖިސްޓްރީވެވޭނެކަމަށާއި، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިވަގުތު ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢެއް ކުރިއަށްނުދިޔަނަމަވެސް، މި ޕޯޓަލް އިތުރަށް ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. "މަގޭ ހިޔާވެހި" ޕޯޓަލަށް ލޮގިންވާން ބޭނުންވާ ފަރާތްތަކުން vehi.egov.mv އަށް ވަނުމަށްފަހު އީ-ފާސް އެކައުންޓަކުން ލޮގިންވެވޭނެއެވެ.