ޚަބަރު

އިތުރު 8 ދާއިރާއަކަށް ވާދަކުރަން ޖޭޕީން ނިންމައި، ކެންޑިޑޭޓުންނަށް ޓިކެޓު ދީފި


ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީން އިތުރު އަށް ދާއިރާއަކަށް ކުރިމަތިލާނެ ކަން ހާމަކޮށް އެދާއިރާތަކަށް ނިކުންނަ ކެނޑިޑޭޓުންގެ ޓިކެޓް ހަވާލުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މަޖިލިސް އިންތިޚާބުގައި ޖޭޕީން ވާދަކުރުމަށް ޓިކެޓް ދީފައިވަނީ، އިހަވަންދޫ ދާއިރާ، މިލަންދޫ ދާއިރާ ނޮޅިވަރަމް ދާއިރާ، ހޮޅުދޫ ދާއިރާ، ކިނބިދޫ ދާއިރާ، މަޑަވެލި ދާއިރާ ނައިފަރު ދާއިރާ
އަދި އަދި އައްޑޫ މީދޫ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންނަށެވެ.

އޭޕްރީލް ހަވަނަދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، 36 ދާއިރާ އަކަށް އެޕާޓީން ވާދަކުރާނެކަމަށް ކުރިން ވަނީ ބުނެފައެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހާހަމައަށް ހުޅުވާލާފައިވާއިރު މިޖަލްސާގައި އެޕާޓީން ވަނީ އަދިވެސް އިތުރު ދާއިރާތަކަށް ޖޭޕީގެ ފަރާތުން ވާދަކޮށްފާނެކަމުގެ އިޝާރާތެއް ދީފައެވެ.

މިފަހަރު ޓިކެޓްދިން 8 މީހުންނާއެކު މިހާތަނަށް ޖޭޕީން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ އަދަދު މިވަނީ 44 އަށް އަރާފައެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީން އިތުރު މެންބަރުންތަކަކަށް ޓިކެޓު ދީފައިވާއިރު އެމްއާރްއެމްއިން ވަނީ މަޖިލީހުގެ 24 ދާއިރާއަކަށް ވާދަކުރާނެކަން އިޢުލާންކޮށްފައެވެ. އަދި އެމްޑީޕީން މަޖިލީހުގެ 86 ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާއިރު އެޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ހަފްތާގައި ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން އަދާލަތު ޕާޓީން ވަނީ އެޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފައެވެ. އެގޮތުން އެޕާޓީން ވަނީ 13 ދާއިރާއަކަށް ކުރިމަތިލާނެކަން އިޢުލާންކޮށްފައެވެ.