ޚަބަރު

އިތުރު 4000 ހައުސިންގ ޔުނިޓް އަޅައި، ބޯހިޔާވަހިކަމުގެ އަގު ހެޔޮކޮށްދޭނަން - ރައީސް


ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އިމާރާތްކޮށް، ބޯހިޔާވަހިކަމުގެ އަގު ހެޔޮކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ހައުސިންގ ނީޑް އެސެސްމަންޓެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން، މުޅި ރާއްޖެ ހިމެނޭހެން ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލައި މިއަހަރު ތަންފީޒުކުރަން ފަށާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ. އަދި ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި، މަތިން ޕޮއިންޓް ލިބި، ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކާއި، ގުޅީފަޅު މަޝްރޫޢުގެ މައްސަލަވެސް މި ސަރުކާރުން ހައްލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"
"މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. ކުރީ ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި، މަތިން ޕޮއިންޓް ލިބި، ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކަކީވެސް، ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަތަކެއް. އެ މައްސަލަތަކުގެ އިތުރުން، ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ކަންކަމާއި، ގުޅީފަޅު މަޝްރޫޢުގެ މައްސަލަވެސް، އިރާދަކުރެއްވިއްޔާ މި ސަރުކާރުން ޙައްލުކޮށްދޭނަން"
ރައީސުލްޖުމްހޫރިއްޔާ

ރަައީސް ޞާލިޙު ވިދާޅުވީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާގުޅޭ ދެ ޤަނޫނެއްގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއްކުންފުންޏެއްގެ ދަށުން ހިންގުމަށްޓަކައި "ނޭޝެނަލް ހައުސިންގ ކޯޕަރޭޝަން" ނަމުގައި ކުންފުންޏެއް އުފެއްދެވުމަށް ނިންމަވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ "ޓެނެންސީ އެކްޓް" އާއި، އެއްމެދު ޢިމާރާތްތަކާ ބެހޭ އުސޫލުތައް ކަނޑައަޅައިދޭ "ކޮންޑޮމީނިއަމް އެކްޓް". ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި، "ނޭޝަނަލް ހައުސިންގ ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އަޅުގަނޑު ގަސްތުކުރަން. އަޅުގަނޑުގެ އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން ނިންމަވާފައިވާއިރު، ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 7000 ހައުސިންގ ޔުނިޓުގެ ކޮންސެޕްޓަށް ބަދަލުތަކެއް ގެނެއުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.