އަތޮޅުތައް

ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް އައްޑޫގައި ޚާއްޞަ ހަރަކާތްތަކެއް


ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް ސްކްރީނިންގ ޕްރޮގްރާމުތަކެއް އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިހަރަކާތް ހިންގާ އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ޢާއިޝަތު ނަދާ ވިދާޅުވީ އެވެއާރނަސް ސެޝަންތަކަކާއެކު ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމްތައް މާދަމާ ރެއިން ފެށިގެން ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން މާދަމާރޭ އެންމެ ފުރަތަމަ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަިއވަނީ އައްޑޫސިޓީ ހިތަދޫގައިކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް ރޭވިފައި ހުރި ޕްރޮގްރާމުތަކުގައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ މާލެއިން ޓީމެއް ގެނެސްގެން ހިތަދޫ، ހުޅުދޫ-މީދޫ އަދި ފޭދޫގައި ސްކްރީނިންގ ޕޮރޮގްރާމްތަކެއް ޖެއްސޯތޯ. އެއީ ބްރެސްޓް ކެންސަރ ސްކްރީނިންގ އަދި ސަރވިކަލް ކެންސަރ ސްކްރީނިންގ ވެސް ކުރެވޭތޯ މަސައްކަތް މިކުރަނީ. އެއީ ފުދޭ ވަރެއްގެ ބޮޑު މަސައްކަތަކަށް ވަނީ، ސަބަބަކީ މިކޮޅުގައި އެކަމަށް ބޭނުންވާ މެޝިނަރީސް ނެތީމަ. ނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑު އުންމީދެއް އެބައޮތް އެކަންކަން ހަމަ ޖެހިގެން ދާނެ ކަމަށް." އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ވިދާޅުވިއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް ރޭ ވަނީ އަންހެނުންގެ ފުޓްސަލް މެޗެއްވެސް އައްޑޫ ސިޓީގައި ކުޅެފައެވެ. މަރަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދިޔަ މި މެޗުގެ ތެރެއިން ވަނީ ކެންސަރާ ބެހޭ ލީފްލެޓްތަކެއް ވެސް ބާހަފައެވެ. އަދި މެޗަށް ފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރަކާއި ނަރުހަކު ވަނީ ކެންސަރު ބައްޔާގުޅޭ މައުލޫމާތު ދީފައެވެ.

އައްޑޫގައި ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް އައްޑޫ ސްކޫލުތަކުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.