ޚަބަރު

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި


މާލޭ މަގުތަކުގެ ފެން ހިންދާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ވިއްސާރަ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެންބޮޑުވެ ޕަންޕު ޖަހައިގެން ފެން ހިއްކަން ޖެހުމަކީ މިހާރު އާންމު ކަމެކެވެ. މިކަން މިގޮތަށް ދިމާވަނީ މާލޭގެ މަގުތަކުން ފެން ހިންދާ ކާނުތައް ބެދި، ފިން ހިންދާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުކުރެވި ގިނަ ދުވަސްވުމުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ނިޔާޒް ވިދާޅުވީ، ބައެއް އާއްމުންގެ އަމަލުތައް ހުންނަގޮތުންވެސް މަގުތަކުގައި ބަހައްޓާފައި ހުންނަ ކާނުތައް ބެނދުމަށް މެދުވެރިވާކަމަށެވެ. އެގޮތުން ކޮންކްރީޓް ފެނާއި، ކުންޏާއި، ގަރާޖްފަދަ ތަންތަނުން ތެޔޮފަދަ އެއްޗެހި ކާނުތަކަށް އެޅުންފަދަ ކަންކަން ކުރުމުގެ ސަބަބުން ކާނުތަކާއި، ފެން ހިންދުމަށް ބަހައްޓާފައި ހުންނަ ޑްރެއިނޭޖް ސިސްޓަމްތަކުގެ ކަނެކްޝަން ބެދޭގޮތް މެދުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓުތަކާ ދިމާލުން ކޮންކްރީޓަށް ދަންދެން އެބަހުރި ކާނުތަކަށް އެޅިފަ. އެއީ ކާނުތައް ބެދެން ދިމާވާ އެއް ސަބަބު. ބައެއް ގަރާޖުތަކާ ދިމާލުން ތެޔޮ އެއްޗެހި އާދަޔާ ޚިލާފަށް ގިނައިން އެޅިފައިހުރުން. އަދި ބައެއް ގޭގޭގައި ދޮންނަމެޝިނުގެ ފެން ބޭރުވާ ހޮޅި އެބަހުރޭ މަގުމައްޗަށް ވާގޮތަށް ނެރެފައި. މިއީ މަނާ ކަންތައްތައް. އަޅުގަނޑުމެން އެކަންތައްތައް ހުއްޓުވަމުން މިގެންދަނީ. ހަމައެކަނި ވާރޭވެހިގެން މަގުމަތިން މި އެޅޭ ފެނާއި ވެލި އެޅިގެނެއްނޫން ކާނުތައް މި ބެދެނީ. މިކަމުގައި އާއްމު ފަރުދުންގެ އެއްބާރުލުން އެބަ ބޭނުންވޭ." - މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ނިޔާޒް

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޙުސެއިން ޝަރީފް ވިދާޅުވީ، މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ހިންދުމަށް ޤާއިމުކޮށްފައިވާ ޑްރެއިނޭޖް ސިސްޓަމްގެ 3 ޕަމްޕާއި، ޕަވަރ ސްވިޗެއް ހަލާކުވެފައިވާކަމަށެވެ. އެހެން އެތަކެތި މަރާމާތުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން މިހާރު ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވާނީ އެބޭފުޅުންނަށް އަންގާފައި ވީހާވެސް އަވަހަކަށް އެކަންކަން ރަނގަޅުކޮށްދޭން. ޑްރެއިނޭޖް ސިސްޓަމްގެ 3 ޕަމްޕަކާ ސްވިޗެއް ހަލާކުވެފައިވާކަމަށް އެބޭފުޅުން މި ވިދާޅުވަނީ. އެބޭފުޅުން މިހާރު އެދަނީ ޕަމްޕުތަކާއި އެއްޗެހި ގެނެސްގެން އެ މަސައްކަތް ކުރަމުން. އަދި ވަރަށް އަވަހަށް އެ މަސައްކަތް ނިމޭނެކަމަށް އެބޭފުޅުން ވަނީ މަޢުލޫމާތުދީފައި." - ޙުސެއިން ޝަރީފް
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު

މާލޭގެ މަގުތަކުގައި ހަލާކުވެފައިވާ ކާނުތައް މަރާމާތުކުރުމުގެ އިތުރުން، ދުވާރު މަތިން އަޅާފައިވާ ހޮޅިތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް މާލޭ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މަގުތަކުގައި ހުރި އަޑިގުނޑަންތައް ރަނގަޅުކުރުމާއި، ފޮހެވިފައިވާ ޓްރެފިކް ނިޝާންތައް އައު ކުރުމުގެ މަސައްކަތްވެސް އެ ކައުންސިލުން ދަނީ ކުރަމުންނެވެ.