ޚަބަރު

13 މީހުންނާއެކު މަހަށްފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަނީ


13 މީހުންނާއެކު ޖަނަވަރީ 25 ވަނަ ދުވަހު ހއ. ފިއްލަދޫއިން މަހަށްފުރި "ޔުނިޓީ" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 14:10 ހާއިރު ކަމަށެވެއެވެ. އަދި މި ދޯނި ޖެނުއަރީ 29 ވަނަ ދުވަހު ހއ. ކެލަޔާއި ދިމާލު ބޭރުގައި މަސްވެރިކަންކުރުމުގައި އުޅުނުކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. "ޔުނިޓީ" ދޯންޏަކީ ދިގުމިނުގައި 30 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.

މި ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބެލުމަށް ކޯސްޓްގާޑުން ވަނީ އާއްމުންގެ ކިބައިންވެސް އެހީތެރިކަމަށް އެދިފައެވެ. އަދި ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވައި އެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.