ރާއްޖޭގެ އިޖްތިމާއީ ކަންކަމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ކޮމަންވެތްގެ ފަރާތުން ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރުކަން ދިނުމަށް އެސެސްމަންޓް ހެދުމަށް ރާއްޖެއައިސްއުޅޭ ކޮމަންވެލްތްގެ ޓީމާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ ވަނީ ކޮމަންވެލްތުގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުން، އިޖުތިމާޢީ އަދި ތަޢުލީމީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ކޮމަންވެލްތުން ދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ކޮމަންވެލްތްގެ ވަފްދާ ޙިއްޞާ ކުރައްވާފައެވެ. އަދި ސަރުކާރުގެ ތަފާތު ސިޔާސަތުތައް އެކަށައެޅުމާއި ކަންކަން ނިންމުމުގައި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް މިނިސްޓަރ ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުން ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ނިސްބަތް މިވަގުތު އޮތް މިންވަރު އޮޅުންފިލުއްވައިދެއްވައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ އިތުރުވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
2016 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވިނަމަވެސް، ރާއްޖެ އަލުން އެ ޖަމިއްޔާއާ ގުޅުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ. ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުން ރިވިއުކޮށް، ރާއްޖޭގެ ޙާލަތު ދެނެގަތުމަށް މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ކޮމަންވެލްތްގެ ޓީމެއް ރާއްޖޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ދިވެހިރާއްޖެ އަލުން ކޮމަންވެލްތް އޮފް ނޭޝަންސްއާ ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.