އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރެންސް ފޯރުކޮށްދޭން އުރީދޫ މޯލްޑިވްސްއިން ނިންމައިފިއެވެ.
އުރީދޫއިން ބުނީ ފުރާނައަށް ގެންލުންވާ ފަދަ ކުއްލި ޙާލަތްތަކުގައި، އާއިލާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ލައިފް އިންޝުއަރަންސް ކްލަބް ޕްރިމިއަރގެ ކަސްޓަމަރުންނަށް ފޯރުކޮށްދެނީ އެލައިޑް އިންޝުއަރެންސާ ގުޅިގެންކަމަށް. އަދި ކުރިއަށް އޮތްތާނގައި އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންގެ އިތުރުން، އުރީދޫގެ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށްވެސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް އެލައިޑާއެކު މަސައްކަތްކުރަމުންދާކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.
ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެބޭފުޅުންގެ އަގުވަޒަން ކުރުމަށް ތައާރަފް ކުރެވިފައިވާ ސްކީމެކެވެ.
ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާ ލައިފް އިންޝުއަރެންސްއިން ޤުދުރަތީ ގޮތުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ފުރާނަ ގެއްލިގެންދާ ޙާލަތްތަކުގައާއި އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕާޝަލް ޑިސްއެބިލިޓީގެ ޙާލަތްތަކުގައި އަދި އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ދާއިމީ ނުކުޅެދުންތެރިކަމުގެ ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިޚިދުމަތުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންގެ ޢާއިލާތަކުގެ މުސްތަޤްބަލް ރައްކާތެރިކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާނެކަމަށެވެ.
"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފައިދާކުރާފަދަ އައު ކަންކަން ބަލައިގަނެ، ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް އަޙަމިއްޔަތުދެން. ލައިފް އިންޝުއަރަންސް އަކީ، އާއިލާ އަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތުގައި އެހީ ފޯރުކޮށްދޭ، އާއިލާގެ މުސްތަޤްބަލް ރައްކާތެރިކޮށްދޭ މުހިއްމު ޚިދުމަތެއް. ދުނިޔޭގައި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް އިތުރަށް ތައްޔާރުކޮށްދޭ މި ޚިދުމަތުގެ ސަބަބުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި އާއިލާތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން." އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ މި ޚިދުމަތް ބޭނުންފުޅުވާ ކަސްޓަމަރުންނަށް، އުރީދޫ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ކްލަބް ޕްރިމިއާ ލައުންޖައް ޒިޔާރަތް ކުރައްވައިގެން ރަޖިސްޓަރ ކުރެވޭނެކަމަށެވެ. އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ޕެކޭޖުގެ މައުލޫމާތު ކައިރި މުސްތަޣްބަލެއްގައި ހިއްސާ ކުރެވިގެންދާނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.