ޚަބަރު

ދުންފަތަށް އަލްވަދާޢު ކިއުމަށް ރައީސް އިލްތިމާސްކުރައްވައިފި


އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަނީ، ދުންފަތާ ގުޅުންހުރި ބަލިތަކަށް ފަރުވާހޯދާ މީހުންނަށްކަމަށް ވިދާޅުވެ ދުންފަތާ ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ދިވެހިރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު އިފްތިތާޙްކުރުމަށް ޤައުމީ ޔުނިވާސިޓިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ރާއްޖޭގައި އެންމެ ގިނަމީހުން މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުންކަމަށާއި، އެގޮތުން ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ %84 މީހުން މަރުވަނީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތަކުގައިކަމަށެވެ.

އެފަދަ ބަލިތަކަށް މީހުން ވާޞިލުވާ އެންމެ ބޮޑު ހިރާސްއަކީ ދުންފަތުގެ އިސްތިޢުމާލު ކުރުންކަމަށާއި، އާސަންދައިން ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ހޭދަ ކުރަންޖެހޭ ފަސް ބައްޔަކީ ދުންފަތާއި ގުޅުންހުރި ބަލިތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުން ރާއްޖޭގައި އާންމުވަމުން އަންނަކަން ފާހަގަކުރައްވާ އެކަން ހުއްޓުވުމަށް އާންމުންގެ މެދުގައި ހޭލުންތެރިކުރުވުމަކީ އެންމެންގެ ޒިންމާއަކަށް ހެދުމަށް ގޮވާލައްވާފައެވެ. މިއީ ސަރުކާރުގެ ވަޢުދެއްކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މި އިފްތިތާޙްކުރި ޤަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ދުންފަތުގެ ގެއްލުމާމެދު އާންމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކުރުން އިތުރުކުރުންކަމަށާއި، ޚާއްޞަކޮށް ވަކިވަކިން ސިނގިރޭޓް ވިއްކުން މަނާކުރުންކަމަށެވެ.

"ދުވާލަކު ސިނގިރޭޓް ފޮށްޓެއް ބޭނުންކުރާ މީހަކަށް، އަހަރެއްގެ ތެރޭގައި ހަތްހާސް ތިންސަތޭކަ ފަހަރު މި އިންޒާރުގެ މެސެޖް ފެންނާނެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިފަދަ އިންޒާރުތައް ފެނި، އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވުމުން، ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް، 2005 ގައި ޢަމަލުކުރަން ފެށުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދުންފަތާ ދެކޮޅަށް އާންމުކުރަން ފެށި އިންޒާރުގެ މެސެޖްތަކަށް، އިންޤިލާބީ ބަދަލުތަކެއް އައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އާންމު މައިދާންތަކާއި މަގުތައް، ދުންފަތާ ދެކޮޅު ބޮޑެތި ބިލްބޯޑުތަކުން ފުރިގެންދިޔަކަމަށާއި، ނަމަވެސް އެފަދަ ކަންކަމުގައި ނަމޫނާ ދައްކަންޖެހޭ އެއް ޤައުމަކީ ރާއްޖެކަމަށް ވީނަމަވެސް އެފަހަރު ރާއްޖެއިން ބުރަވީ ފަހަތު ފަޔަށްކަމަށް ރައީސް މިސާލު ޖެއްސެވިއެވެ.

އެގޮތުން ރާއްޖެއަށް އެތެރެކޮށް ވިއްކާ ދުންފަތުގެ އުފެއްދުންތަކުގައި، 2004 ވަނަ އަހަރުން ފެށިގެން، އިންޒާރުގެ މެސެޖްތައް ޖަހަމުން އައީ، ވަރަށް ފަނޑު ގޮތަކަށްކަން ރައީސް ސިފަކުރެއްވިއެވެ. އެ މެސެޖްތަކަށް މިހާތަނަށްވެސް އެއްވެސް ބަދަލެއް ނާންނަކަމަށާއި، އެކަމުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު އިތުރުވެގެންއައިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނު 2010 ވަނަ އަހަރު ފާސްކޮށް އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދު 2012ވަނަ އަހަރު އެކުލަވާލާފައި ވީނަމަވެސް އެ ޤަވާޢިދު މިހާތަނަށް ތަންފީޒްކޮށްފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި 2017ވަނަ އަހަރުވެސް އެޤަވާޢިދަށް ބައެއް އިޞްލާޙުތައް ގެނެސް، އެ ޤަވާޢިދު ގެޒެޓްކޮށްފައިވެސް ނުވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑުމެން މިއަދު މިޤަވާޢިދު ގެޒެޓްކޮށް ޢަމަލުކުރަން މި ފެށީ، މިކަމުގެ މުހިއްމުކަން ބޮޑުކަމުން. އަޅުގަނޑު ދެކޭގޮތުގައި ޤައުމެއް ކުރިއަރާނީ ސިއްޙަތު ރަނގަޅު މުޖުތަމައެއް ބިނާކުރެވިގެން. އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ، ދުންފަތާ ގުޅުންހުރި ބަލިތަކަށް. ދެ އަތް އުރާލައިގެން މި އަޑުތައް އަހަން ތިބެވޭކަށް ނެތް. މިއީ ފިޔަވަޅު އަޅަންވީ ވަގުތު. ނަމަވެސް، މިފަދަ އެއްވެސް ކަމަކީ، ގެޒެޓްކުރާ ޤަވާޢިދަކުން އެކަނި ހާސިލުކުރެވޭނެ ކަމެއްނޫން. މިކަމުގައިވެސް ޤަވާޢިދަކަށްވުރެ މުހިއްމީ، ފަރުދީ ޒިންމާ. ސިނގިރޭޓް ފޮށީގައި ތަތްކޮށްލާ ލޭބަލަށްވުރެ، ދުންފަތާ ދެކޮޅަށް ތިމާގެ ހިތުގައި ތަތްކޮށްލާ ލޭބަލްގެ ބާރު މާގަދަވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހަކުވެސް، ދުންފަތަށް އަލްވަދާޢު ކިޔައި، ފުރިހަމަ ޞިއްޙަތަކަށް މަރުޙަބާ ކިޔުމަށް އެދިވަޑައިގެންނެވިއެވެ.