ޚަބަރު

ނިއުކްލިޔަރ އެއްބަސްވުމަށް އީރާނުން ފުރިހަމައަށް ޢަމަލުކުރަމުންދޭ: އައި.އޭ.އީ.އޭ


އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި 2015 ވަނަ އަހަރު އެ ޤައުމާއި ދުނިޔޭގެ ބާރުތަކުން ޤާއިމުކުރި ނިއުކްލިޔަރ އެއްބަސްވުމަށް އީރާނުން ފުރިހަމައަށް ޢަމަލުކުރަމުންދާކަމަށް ބައިނަލްއަޤުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ އައި.އޭ.އީ.އޭއިން ބުނެފިއެވެ.

އޮސްޓްރިއާގެ ވިއެނާގައި ހުންނަ އެ އިދާރާގެ މައި މަރުކަޒުގައި ހުންނަވާ ވާހަކަދައްކަވަމުން އައި.އޭ.އީ.އޭގެ އިސްވެރިޔާ ޔޫކިޔާ އަމާނޯ ވިދާޅުވީ، 2015 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް މަޑުޖައްސާލުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެ ގައުމުން ފުރިހަމަކަމާއެކު އަޅަމުންދާ ކަމަށެވެ. އަމާނޯ ވިދާޅުވީ، އީރާނުން މި ފިޔަވަޅުތައް މި ގޮތަށް އެޅުމަކީ މުހިއްމުކަމެއް ކަމަށާއި، އެއްބަސްވުން ދަމަހައްޓަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި ބައެއް ފަރާތްތަކުން އީރާނުގެ ބައެއް ސަރަހައްދުތައް ބަލާ ފާސްކުރުމަށް އައި.އޭ.އީ.އޭއަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށްވެސް އަމާނޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން އައި.އޭ.އީ.އޭގެ އިޚުލާސްތެރިކަމާ މެދު ސުވާލުއުފެދޭނެ ކަމަށާއި، ބައެއް ގައުމުތަކުން އެ އިދާރާގެ މަސައްކަތްތަކަށް ނުފޫޒުފޯރުވަން މަސައްކަތް ކުރުމަކީ ހުރިހާ ގޮތަކުންވެސް ގެއްލުންދެނިވި ކަމެއް ކަމަށެވެ.

އަމާނޯގެ މި ވާހަކަތަކުގައި މިފަދަ އިންސްޕެކްޝަންތައް ހިންގުމަށް ބާރުއަޅާފައިވަނީ ކޮން ގައުމަކުން ކަމެއް ބަޔާން ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް އިސްރާއީލުން މީގެ ކުރިން ވަނީ އީރާނުގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކުރުމަށް އައި.އޭ.އީ.އޭއަށް ގޮވާލާފައެވެ.