ވިޔަފާރި

މީރާއަށް މިދިޔަ ކުއަޓާގައި ލިބުނު އާމްދަނީ 5.4 އިންސައްތަ އިތުރުވެއްޖެ


މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ އޭގެ ކުރީ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 4.5 އިންސައްތަ އިތުރުވެއްޖެއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.45 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާ ބަލާއިރު ހަތަރެއް ފޮއިންޓް ފަހެއް އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މިދިޔަ ކުއާޓަރގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެވެސް ތިނެއް ޕޮއިންޓް އަށެއް އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނާގޮތުން މިދިޔަ ކުއާޓަރގައި މީރާއަށް ލިބުނު އާމްދަނީ އިތުރުވީ، ބިލްޑިންގ ޓެކްސް، ކޮންސްޓްރަކްޝަން ޖީ.އެސް.ޓީ، ގްރީން ޓެކްސް، ވިތުހޯޑް ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ މިންވަރު އިތުރުވުމެވެ. މީގެ އިތުރުން ޓީ.ޖީ.އެސް.ޓީ، ބިން ވިއްކުމާއި ބިން ބަދަލު ކުރުމުގެ ފީ އަދި ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް އަންދާޒާކުރި މިންވަރަށްވުރެ އިތުރުކަމަށް މީރާއިން ބުނެއެވެ.

މީރާއަށް އާމްދަނީގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 3.45 ބިލިއަން ރުފިޔާ ލިބިފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާއި ޓެކްސް ނޫން އެހެނިހެން އާމްދަނީއެވެ. މިގޮތުން ޓެކުހުގެ ގޮތުގައި 2.51 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާ ބަލާއިރު 7.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޓެކްސް ނޫން އެހެނިހެން އާމްދަނީގެ ގޮތުގައި 0.95 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ 3.4 އިންސައްތަ ދަށް އަދަދެކެވެ. މި އާމްދަނީ ދަށްވެފައިވަނީ ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ރިޒޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ދައްކާފައި ވީނަމަވެސް، 2018ގެ ހަތަރުވަނަ ކުއަޓާގައި އެއްވެސް ޓެކްސް ދައްކާ ފަރާތަކުން މި ފީ ދައްކާފައިނުވުމުގެ ސަބަބުންކަމަށް މީރާއިން ބުނެއެވެ.