ޚަބަރު

މާލޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށްފި


މާލޭ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން، މާލޭ ސިޓީ ކައުންސިލާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއެކު މަޝްވަރާކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިނާއި، މާލޭ ސިޓީ މޭޔަރު ސިފާ މުޙައްމަދުގެ އިތުރުން، އިމިގްރޭޝަނާއި، ސިޓީ ކައުންސިލް އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ބައްދަލުވުމުގައި މާލޭ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ފުރުޞަތު ދިނުމާއި، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ސަބަބުން ދިމާވާ އެކިކަހަލަ އިޖްތިމާޢީ މައްސަލަތަކާގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ދާދިފަހުން ވަނީ 60 ހާހަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާކަމަށް ބުނެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު ތެރޭގައި އިމިގްރޭޝަން ގަވާއިދާ ޚިލާފުވެގެން 112 ފަރާތެއް ޑީޕޯޓްކޮށްފައިވާއިރު، ސިއްޙީ ގޮތުން ހުންނަޖެހޭ ދުޅަހެޔޮކަން ނެތުމުގެ ސަބަބުން 531 މީހުން އަނބުރާ ފޮނުވާލާފައިވެއެވެ. އަދި 2018 ވަނަ އަހަރު ވަޒީފާއަށް ފިލައިގެން ރިޕޯޓްކޮށްފައިވާ ބިދޭސީންގެ ޢަދަދަކީ 2734 ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ "އޮޕަރޭޝަން ސްޓިންގ ރޭ" ގެނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.