އިމިގްރޭޝަންގެ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ދޭ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސް އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އިމިގްރޭޝަންގެ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ވަރަށް އަވަހަށް ޤާއިމުކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން އޮންލައިން ޕޭމަންޓް ޕޯޓަލްއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ އެ މުއައްސަސާއިން ދޭ މައިގަނޑު އެއް ޚިދުމަތް ކަމަށްވާ ޕާސްޕޯޓްގެ ޚިދުމަތަށް އީމެއިލް މެދުވެރިކޮށް ފޯމް ލެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކުއެވެ. މިއަދުން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ފޯމް ހުށަހެޅޭގޮތް ހަމަޖައްސާފައިވީނަމަވެސް ޕާސްޕޯޓް ހެއްދުމަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް އަދި ހަމަޖެހިފައެއް ނުވެއެވެ.