ރާއްޖެއަށް އެހީތެރިވުމުގައި އިންޑިއާ އަބަދުވެސް ތައްޔާރަށް އޮންނައިރު، ދިވެހިސަރުކާރުން އެހެން ޤައުމެއްގެ އަސްކަރީި އެހީތެރިކަން ހޯދަންޖެހޭ ސަބަބެއް ނެތްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއެޖެއެވެ.
ޑިފެންސް މިނިސްޓަރ މާރިއާ އަޙްމަދު ދީދީ އިންޑިއާއަށް މިހާރުކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެެއިން ދަ ހިންދޫއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އިންޑިއާއާއެކު ޤައިމްކުރެވިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ތެރެއިން ރާއްޖެއަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި އެންމެ އަވަހަށް އެހީތެރިވަނީ އިންޑިއާއިން ކަމަށާއި، އެގޮތުން 1988 ގައި ވެރިރަށް މާލެއަށްދިން އުދުވާނީ ހަމަލާއާއި، ސުނާމީ ކާރިސާގެ އިތުރުން މާލެ ފެނަށްޖެހުނު ކާރިސާގައިވެސް އެންމެ އަވަހަށް ރާއްޖެއަށް އެހީތެރިކަން ލިބުނީ އިންޑިއާއިންކަމަށެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެއްވެސް ހަމަނުޖެހުންތަކެއް އޮންނަން ރާއްޖެއިން ބޭނުންނުވާކަމަށާއި، ކަނޑުގެ ސަރަހައްދަކީ ސަލާމަތީގޮތުން ރައްކާތެރިތަނެއްގެ ގޮތުގައި އޮތުމަކީ ދެޤައުމުންވެސް ބޭނުންވާގޮތްކަން މިނިސްޓަރުވަނީ ދަ ހިންދޫއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައެވެ.
ރާއްޖެއާ އިންޑިއާއައެކު އޮންނަ ދިފާއީ ދާއިރާގެ ގުޅުންތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑިފެން މިނިސްޓަރ މާރިޔާ ވަނީ އެޤައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކުގެ މުހިއްމުކަމާއި އޭގެ ސަބަބުން ލިބެމުންދާ ފައިދާތައް ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދާ ސަރޗްއެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ޑޯނިއަރ މަތިންދާބޯޓެއް ހޯދުމާއި ގުޅޭގޮތުން ދެޤައުމުން މަޝްވަރާކުރައްވަމުން ގެންދަވާކަން މިނިސްޓަރ ވަނީ ޔަގީންކޮށްދެއްވާފައެވެ.
މިމަހުގެ ތޭވީހުން ފެށިގެން ހަތްތާއެއްގެ މުއްދަތަށް ޑިފެންމިނިސްޓަރ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެއާ އިންޑިއާއި ދެޤައުމުގެ މެދުގައި އުފެދިފައިވާ ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން އިންޑިއާގެ ދިފާއީ ވަޒީރު ނިރުމަލާ ސީތާ ރާމަންއާއެކު ވަނީ މަޝްވަރާކުރައްވާފައެވެ.