ޚަބަރު

އާ ކުންފުންޏާއެކު ރެހެންދި ސްކޫލަށް ދިއުމަށް ފަސޭހަތަކެއް ލިބޭނެ


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް ޑީސީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން އުފައްދާ ދަތުރުފަތުރާއި ގުޅޭ ކުންފުނި އުފެއްދުމާއެކު ހުޅުމާލޭ ރެހެންދި ސްކޫލަށް ދަތުރުކުރުމުގައި މިހާރު ހުރި ދަތިތައް ހައްލުވެގެންދާނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ.މިއަހަރުގެ ދިރާސީ އަހަރާއެކު ހުޅުމާލޭގައި އަލަށް ހުޅުވި ރެހެންދި ސްކޫލްގައި މިހާރުވެސް ހާހަކަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރެއެވެ. އެ ސްކޫލްގެ ޕްރިންސްޕަލް ނާޒިމް އަބްދުﷲ ވިދާޅުވީ ބަހުގައި ގިނަ ދަރިވަރުން ދަތުރުކުރާއިރު، އެޗް ޑީސީއާ މަޝްވަރާކޮށްގެން ސްކޫލާއި ވީހާވެސް ކައިރި ބަސް ހުއްޓިއަކަށް މަޑުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް އަލަށް އުފައްދާ ކުންފުނި އައުމާއެކު ސީދާ ސްކޫލް ދޮރުމައްޗަށް ބަސް ހުއްޓާނެ ނިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.ރެހެންދި ސްކޫލަށް އަންނަ ކުދިން މިހާރު އަންނަށް ޖެހެނީ ނެއިބަރ ހޫޑް ދޭއް ނުވަތަ ޗައިނާ ފްލެޓްތައް ހިމެނޭ ސަރަހައްދުން އެ ސްކޫލާއި އެންމެ ކައިރީގައި ހުންނަ ބަސް ސްޓޮޕަކަށެވެ.ނާޒިމް ވިދާޅުވީ ރެހެންދި އަކީ އަލަށް ހުޅުވި ސްކޫލެއް ނަމަވެސް ކިޔަވައިދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ލިފްޓް ހަރުކުރުމުގެ މަރުހަލާ ކަމަށެވެ.