އިލެކްޝަންސް ކޮމިޝަނުން މިހާރު ބޭނުން ކުރަމުން އަންނަ ލޯގޯއާއި ކުލަ އަންނަ ހޯމަ ދުވަހު ބަދަލުކުރަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެ ކޮމިޝަންގެ ލޯގޯއަށް އިތުރު ފުރިހަމަ ކަމެއް ގެންނަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރެވުމާއި ގުޅިގެން އެކަމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ކަމަށެވެ. އަދި އެއަށްފަހު އެކަމާ ގުޅޭ ގޮތުން ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އީސީން ވިދާޅުވީ އެކޮމިޝަނުން ބޭނުން ކުރަމުން އަންނަ ކުލަ އާއި ލޯގޯ ބަދަލުކުރަން ނިންމީ މީގެ ދެއަހަރު ކުރިން ކަމަށެވެ. އެހެން ނަމަވެސް އޭރު އެކަމަށް ގޮތެއް ނުނިންމި ދިގުލައިގެން ދިޔައީ އެ ކޮމިޝަނުގެ މަސައްކަތްތައް ހުރި ގޮތުން ކަމަށް އިލެކްޝަނުން ވިދާޅުވިއެވެ.
އީސީން ބޭނުން ކުރަމުން އަންނަ ފެހި ކުލައާއި މިހާރުގެ ލޯގޯ ބަދަލު ކުރަން ނިންމެވި ނަމަވެސް ކުރިއަށް އޮތްތަނުގައި ބޭނުން ކުރާނެ ކުލައަކާއި ލޯގޯއާއި ގުޅޭ އެއްވެސް މައުލޫމާތެއް އެ ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ.
އީސީގެ ކުލައާއި ލޯގޯ ބަދަލު ކުރަން ނިންމެވިކަން އެކޮމިޝަނުން ހާމަ ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެގޮތުން އެކަމާމެދު ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެވެމުންދާކަން ހާމަކުރައްވައި މެންބަރު އަހްމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމުގައި އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލިއެވެ.