ޚަބަރު

އެމެރިކާއާއި ގުޅުން ހަރުދަނާކޮށް މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި


ރާއްޖެއާއި އެމެރިކާގެ ހީނާރުވެފައިވާ ގުޅުން އިތުރަށް ބަދަހިކުރާނެކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވޮޝިންޓަނަށް ފޮރިންގ މިނިސްޓަރ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ރާއްޖެ އެމެރިކާއާއެކު އޮތް ގުޅުން ހީނާރުވެފައިވާތީ އެގުޅުން ވަރުގަދަ ކުރުމަށް ޔޫއެސްގެ ސްޓޭޓް ޑިޕާޓްމެންޓާއި ޔޫއެސް ޓްރެޜަރީ އަދި ޔޫއެސް އެއިޑް އާއެކު މަޝްވަރާކުރައްވާފައެވެ. ފޮރިންގ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއާއި އެމެރިކާގެ ހީނާރުވެފައިވާ ގުޅުން އެމަނިކުފާނުގެ މިދަތުރުފުޅުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރި އެންމެ ބޮޑު އެއް ދާއިރާއަކީ މާލީ ގޮތުން ކަމަށެވެ. ހަމައެއާއެކު އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ހުނަރު ބިނާކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވާ މިދަތުރުފުޅުގައި އދ.ގެ ސަލާމަތީ މަޖިލީހުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާނެކަމަށް ފޮރިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ އެމަނިކުފާނު ފޮރިންގ މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމެރިކާއަށްފަހު ދެން މިނިސްޓަރ ވަޑައިގަންނަވާނީ އިނގިރޭސިވިލާތަށެވެ.