ޚަބަރު

މަޖިލިސް އިންތިޚާބުގައި ޖޭޕީއާއި ރައީސް ޔާމީން ގުޅިގެން ވާދަކުރުމަށް މަޝްވަރާ ފަށައިފި


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް ޔާމީންނަށް ތާޢީދު ކުރާ ފަރާތްތަކާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއެކު ބޭއްވި މަޝްވަރާތަކަށްފަހު ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، ޤާސިމް އިބްރާހީމާއެކު ބޭއްވި ބައްދަލުވުމަކީ އެކަމުގެ ފުރަތަމަ މަރުހަލާކަމަށާއި، ދެބައި މީހުން ގުޅިގެން މަޖިލީހުގެ އިންތިޚާބަށް ނިކުމެވިދާނެކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ ޙާލަތު އޮތްގޮތުން ސިޔާސީ މައްސަލަތައް ނިންމުމުގެ ޙައްލު އޮތީ ޤާސިމްގެ އަތްޕުޅުގައިކަމަށާ، މިކަމުގައި ޤާސިމްގެ އެހީ ލިބިއްޖެނަމަ ޤައުމަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެކަމުގައި ޖޭޕީއާއެކު ވަރަށްރަނގަޅު ގުޅުމެއް ޤައިމްކުރެވޭނެކަމަށާ، އެގޮތުން ފާއިތުވި މާޒީގައި ސިޔާސީ ގޮތުން އުފެދިފައިނުވާވަރުގެ ގުޅުމެއް އުފެދިގެންދާނެކަމަށް އުއްމިދުކުރެވޭކަމަށް ނިހާން ވިދާޅުވިއެވެ. އަދި މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާއި އެނޫންވެސް ކަންތަކާގުޅޭގޮތުންވެސް މަޝްވަރާނެކަމަށް ނިހާން ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ތާޢީދުކުރާ ފަރާތްތަކާއެކު ޤާސިމް އިބްރާހީމް މަޝްވަރާކުރައްވާފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ތައްޔާރަށް އޮތްކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ދާދިފަހުން ވިދާޅުވެފައިވަނިކޮށެވެ.

އެމްޑީޕީއަށް ވެރިކަން ލިބުމުން މިފަހަރުވެސް ޖުމްހޫރީ ޕާޓީ މަގު މައްޗަށް ނެރެ އެއްލާލާފައިވާކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ. އަދި ޖުމްހޫރީ ޕާޓީއަށް މިފަހަރުވެސް މިޖެހުނީ ސަލާން ޖަހަންކަމަށާ، މަޖިލީހުގެ ގޮނޑިތަކަށް ކުރިމތިލުމުގައި ޖޭޕީއާ ގުޅިގެން މަޖިލީހުގެ ދާއިރާތަކަށް ކުރިމަތިލުމަށް ހުރިހާ ފަރާތްތަކާ ވާހަކަދައްކަން ތައްޔާރަށް އޮތްކަމަށްވެސް ޖޭޕީގެ ލިޑަރ ޤާސިމް ވިދަޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަން އެކުގައި ވާދަކުރުމަށް ކުރިން ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމާމެދު ރައީސް ޞާލިޙާ މަޝްވަރާ ކުރެއްވިކަމަށާ، އެހެން ނަމަވެސް އެމްޑީޕީން އެގޮތަށް ޢަމަލު ނުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށްވެސް ޤާއިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޤައުމާއި ރައްޔިތުންގެ ހައްޤުގައި އަދި އެންމެ މަސްލަހަތު އޮތް ގޮތަކަށް ކަންކަން ކުރުމުގައި ޖުމްހޫރީ ޕާޓީން ފަސްނުޖެހޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.