ޚަބަރު

ޓްރަމްޕާއި ކިމްގެ ސަމިޓާ ގުޅޭގޮތުން ބާއްވާ މަޝްވަރާތައް ބާރު ދުވެލީގައި ކުރިއަށްދަނީ


އުތުރު ކޮރެއާގެ މިލްކިއްޔާތުގައިވާ ނިއުކްލިޔަރ ހަތިޔާރުތައް ނައްތާލުމަށް އެ ޤައުމާއި އެމެރިކާއާ ދެމެދު ބާއްވަމުންދާ މަޝްވަރާތަކުގައި ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައި މިވަނީ އެ ޤައުމަށް ޒިޔާރަތްކުރެއްވި އުތުރު ކޮރެއާގެ އިސް އޮފިޝަލަކާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

އުތުރު ކޮރެއާއިން އެމެރިކާއާއެކު ކުރިއަށްގެންދާ މަޝްވަރާތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ކިމް ޔޮންގް ޗޮލް އެމެރިކާއަށް ކުރެއްވި ދަތުރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާފައިވަނީ ހުކުރު ދުވަހުއެވެ.

މި ބައްދަލުކުރެއްވުމަށްފަހު އެމެރިކާގެ ވައިޓް ހައުސްއިން ބުނެފައިވަނީ ދެ ޤައުމުގެ އިސްވެރިންގެ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ބައްދަލުކުރައްވާނޭކަމަށެވެ.ހުކުރު ދުވަހުގެ ބައްދަލުކުރެއްވުމާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، އެ ބައްދަލުކުރެއްވުމަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ބައްދަލުކުރެއްވުމެއް ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުން ވަނީ އަންނަ ފެބްރުއަރީ މަހު އިސްވެރިންގެ ސަމިޓް ކުރިއަށްގެންދިއުމަށް އެއްބަސްވެފައި ކަމަށެވެ. އަދި މިއާއެކު އެ ސަމިޓް ބާއްވާނެ ތަނަކާ ބެހޭގޮތުން ވެސް ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، އެއީ ކޮން ތަނެއްކަން، ފަހުން އިއުލާނުކުރައްވާނެ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، އޭނާ ހުންނެވީ މި ސަމިޓުގެ އިންތިޒާރުގައި ކަމަށާއި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންވެސް ހުންނެވީ ސަމިޓުގެ އިންތިޒާރުގައި ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި މިހާތަނަށް ދެ ޤައުމުގެ ދެމެދު ކުރިއަށްގެންގޮސްފައިވާ މަޝްވަރާތަކުގައި ދެ ފަރާތުންވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ.

މި ވާހަކަތަކާ ގުޅުންހުރި އިތުރު މަޢުލޫމާތު ޓްރަމްޕްވެސް އަދި ވައިޓްހައުސްއިން ވެސް ހާމަކޮށްފައި ނުވާއިރު މިކަމުގައި ދެ ފަރާތުގެ ދެމެދު ހުރި ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށްފައިވާކަމުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. މިކަމުގައި އެމެރިކާގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒުކުރާ ފަރާތްތަކުން ބުނެފައިވަނީ ހުސްވި އަހަރު އެމެރިކާގެ ރައީސް ޓްރަމްޕާއި، އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ދެމެދު ކުރިއަށްގެންދިޔަ ސަމިޓްގެ ސަބަބުންވެސް ބައިނަލްއަޤްވާމީ ދުނިޔޭގައި ކިމްގެ އަގު އުފުލިގެންދިޔަ ކަމަށެވެ. އެހެންނަމަވެސް މިކަމުން އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައެއް ކުޑަނަމަވެސް ހައްލެއް ލިބިފައި ނުވާކަމަށް އެ ފަރާތްތަކުން ދެކެއެވެ.