ޚަބަރު

ފުވައްމުލަކުގައި ޓްރާންސްޕޯޓުން ދެމުންދިޔަ ޚިދުމަތްތައްވެސް ކައުންސިލްގެ ދަށަށް


ފުވައްމުލައް ސިޓީގައި ޓްރާންސްޕޯޓް މިނިސްޓްރީން ދެމުންދިޔަ ޚިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފިއެވެ.

މިއަދު ފުވައްމުލައް ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާ، ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު މިކަމާބެހޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ފުވައްމުލައް ސިޓީގެ ފަރާތުން ސޮއިކުރެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާހު ޝަރީފެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލެވެ. މި ބަދަލާއެކު ފުވައްމުލައް ސިޓީގައި ޓްރާންސްޕޯޓާ ގުޅުންހުރި ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންގެންދިޔަ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ދިމާވަމުންދިޔަ ދަތިކަން ކައުންސިލުން ހައްލުކޮށްދޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ 5 އަހަރު ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައިވާ ހުރިހާ ބާރަކާއި މަސައްކަތްތައް އަނބުރާ ކައުންސިލްތަކަށް ދޫކޮށްލެއްވުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންފައިވާ ކަމެކެވެ. އެގޮތުން ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރެއިން އެކި މިނިސްޓްރީތަކަށް ނަގާފައިވާ ބާރުތައް އަނބުރާ ސިޓީ ކައުންސިލްތަކަށް ދޭން ނިންމާ ސަރުކާރުން ވަނީ އެކަން ތަންފީޒް ކުރައްވަން ފަށްޓަވާފައެވެ. އަތޮޅު އަދި ރަށު ކައުންސިލްތަކަށް އިތުރު ބާރުތައް ދެމުންދާއިރު، މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ކައުންސިލަށްވެސް ސަރުކާރުން ވަނީ ބޮޑެތި ބާރުތައް ދީފައެވެ.