ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ޝެއިޚް ޒައިދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި މިވަނީ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓް ފޯމްތަކުގައި މީހުންނަށް އިންޒާރުދޭ މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ފުލުހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ ތަހުގީގަކަށް އޭނާ އެ އިދާރާއަށް ހާޒިރުވުމަށް އެދިފައިވާ ކަމަށެވެ. އަދި އެބޭފުޅާ ދެއްކެވި ހުރިހާ ވާހަކަތަކެއް ޓްވީޓާގައި ހުންނާނެ ކަމަށެވެ.
"ތަހުގީގަކަށް އަޅުގަނޑު ޕޮލިސް އެމްވީއަށް ދިޔުމަށް އެބޭފުޅުން އެދިއްޖެ. ދެއްކި ވާހަކަ އެހެރީ ޓްވީޓާގައި." ޒައިދު ވިދާޅުވިއެވެ.
ޝެއިޚް ޒައިދު ވިދާޅުވީ އެބޭފުޅާއޭ ކިޔައިގެން މީސް މީހުން ރޯ ބުހުތާނު ދޮގު ހަދައިގެން ވާހަކަ ފަތުރާއިރު އެކަމަށް އެއްވެސް ކަހަލަ ފިޔަވަޅެއް ނާޅުއްވައި އެބޭފުޅާ ހާޒިރުވާން އެންގުމުން އަދުލު ވެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"މީސްމީހުން އަޅުގަނޑޭ ކިޔައިގެން ރޯ ބުހުތާން ދޮގު ހަދައިގެން ވާހަކަ ފަތުރާއިރު ޕޮލިސް އެކަމަށް ފިޔަވަޅު ނާޅުއްވައި ހާޒިރު މިކުރަނީ އަޅުގަނޑު. އަދުލުވެރިވެލައްވާ." ޒައިދު ވިދާޅުވިއެވެ.
ފުލުހުން ބުނެފައި ވަނީ ސޯޝަލް މީޑިޔާގައި ނަފުރަތު އުފައްދާގޮތަށް ވާހަކަ ދެއްކުމާއި އިންޒާރުދިނުން ފަދަ ކަންކަން ގިނަވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ފުލުހުން ތަހުގީގު ކުރާ ކަމަށެވެ. އެއާއެކު އެފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.