ޚަބަރު

އެމްއާރުއެމްގެ ޓިކެޓްގައި 80 ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫނުގެ ތާއީދާއެކު އަށްޑިހަ ދާއިރާއަކަށް ވާދަކުރުމަށް ސަތޭކަ އަށް މީހަކު ޝައުޤުވެރިކަން ފާޅުކޮށްފޮށްފައިވާކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ވިދާޅުވެއްޖެއެވެ.

އެމްއާރްއެމްއިން ބުނީ ރައީސް މައުމޫނުގެ ތާޢީދާއެކު އެމްއާރްއެމްގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެސްއެމްއެސް ކުރުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އަށްޑިހަ ދާއިރާއަކަށް ވާދަކުރުމަށް ސަތޭކަ އަށް މީހަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެމްއާރްއެމްއިން ބުނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ފަރާތްތައް ކަނޑައަޅާނީ ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ މެދުގައި އިންޓަރވިއު ކޮށްގެން ކަމަށެވެ. އެގޮތުން މާދަމާ އިންޓަވިއުތައް ފަށަން ނިންމާފައިވާއިރު އަމާޒަކީ މިމަހުގެ ފަންސަވީހުގެ ކުރިން އިންޓަވިއުކޮށް ނިންމާލުން ކަމަށްވެސް އެމްއާރުއެމްއިން ވިދާޅުވެއެވެ.

އެމްއާރްއެމްއިން ވިދާޅުވީ އެފަރާތުގެ ޓިކެޓްގައި ހުރިހާ ދާއިރާއަކަށް ވާދަ ނުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެގޮތަށް ނިންމަން ޖެހުނީ އެއީ ކޯލިޝަނެއްގެ ތެރެއިން މަސައްކަތްކުރާ ބަޔަކަށްވެފައި ކޯލިޝަނުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށްކަމަށް އެމްއާރްއެމްއިން ވިދާޅުވެއެވެ.
މީގެއިތުރުން ރައީސް މައުމޫންގެ ވައުދުފުޅާ އެއްގޮތަށް މަޖިލީހުން ގޮނޑިގެއްލުނު ކަމަށް ކުރިން ކަނޑައެޅި 12 މެމްބަރުން ތަމްސީލް ކުރައްވާ ދާއިރާތަކަށް އެ މެމްބަރުން ވާދަކުރައްވާނަމަ އެމްއާރުއެމްއިން އެދާއިރާތަކަށް ވާދަ ނުކުރާނެކަމަށާއި އަދި އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރާ ދާއިރާތައް ކަނޑައަޅާނީ ކޯލިޝަނުގެ މަޝްވަރާގެމަތިން ކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަން އެކުގައި ވާދަކުރަން ކުރިން ވަނީ އެއްބަސްވެފައެވެ. އަދި އެކަމަށް ގޮތެއް ކަނޑައެޅުމަށް ލީޑަރުންގެ މެދުގައި މަޝްވަރާ ކުރިނަމަވެސް އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. އެއާއެކު އެމްޑީޕީން ވަނީ އަށްޑިހަ ހަ ދާއިރާއަށް ވާދަ ކުރާނެކަން އިއުލާން ކޮށްފައެވެ. އަދި ޖޭޕީއާއި ޢަދާލަތުންވެސް ދަނީ ވަކިން ވާދަކުރަން މަސައްކަތް ކުރަމުންނެވެ.