ޚަބަރު

ފުވައްމުލަކުގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާނީ ސިޓީ ކައުންސިލާއި ގުޅިގެން - ޓޫރިޒަމް މިނިސްޓަރު


ފުވައްމުލަކުގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާނީ ސިޓީ ކައުންސިލާއި ގުޅިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ ވަހީދު މިގޮތަށް ވިދާޅުވެފައިވަނީ، ޓުއަރިޒަމް ކުރިއަރުވައި ލޯކަލް ޓުއަރިޒަމް ނުވަތަ އައިލެންޑް ޓުއަރިޒަމް ފުޅާކުރުމަށް ހުރި ގޮޖެހުންތައް ބަލައި ދިރާސާކުރުމަށް އައްޑޫއާއި ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީ ކައުންސިލާއެކު އެ ކައުސިލްގެ އިދާރާގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.
ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރާނީ ސިޓީ ކައުންސިލާއި ގުޅިގެންކަމަށާއި، މިގޮތުން ކައުންސިލަށް ދޭންޖެހޭ ބާރުތައް ދީގެން ކައުންސިލްގެ ބެލުމުގެ ދަށުން ލޯކަލް ޓުއަރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސްއަހަރު ނުވަތަ ދިހައަހަރު ދުވަހަށް ޓޫރިޒަމް ފުޅާކޮށް ހިންގާނެ މާސްޓަރ ޕްލޭނެއް ތައްޔާރުކޮށް ހުށައެޅުމަށް ކައުންސިލާ އެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އެދިފައެވެ.
މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ޗަސްބިން ސަރަހައްދު އިކޯ ޓޫރިޒަމަށް ހުޅުވައި އެމަސައްކަތް ފުޅާ ކުރުމާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ. މިނިޓަރ އަލީ ވިދާޅުވީ ތަންތަން ހިމާޔަތް ކުރުމުގެ މާނައަކީ އެތަންތަނަށް ނުވަދެވޭ ގޮތަށް ހެދުން ނޫން ކަމަށާއި އެފަދަ ތަންތަން ތަރައްޤީކުރުމަށްފަހު އާއްމުނަސް ހުޅުވާލައި އެތަންތަނުން މާލީ ނަފާ ލިބޭނޭ ގޮތަށް ހަދަންޖެހޭކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މި ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީގެ ރަށްތަކަށް ޒިޔާރަތްކޮށް އެރަށްތަކުގައިވެސް ޓޫރިޒަމް ތަރައްޤީކުރެވިދާނޭ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.