ޕީޕީއެމުން ވަކިވިވެ ވަޑައިގެންނެވީ އެއްވެސް ބޭފުޅަކާމެދު މައްސަލައެއް އޮވެގެން ނޫން ކަމަށާއި އަދި އިތުރު ޕާޓީއަކާއި ގުޅިވަޑައި ގަތުމަށް ނޫން ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބަށްފަހު ފުރަތަމަ ފަހަރަށް ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހިޔާރުކުރެއްވުމުން، ޕީޕީއެމާއި ގުޅިވަޑައިގެންނެވި ނަމަވެސް މިހާރު އެޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް އެޕާޓީން ވަކިވީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުން ބަލިވި ނަމަވެސް ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެހެން ކަމުން އެމަނިކުފާނަށް އެ ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ޝައިހް މުހައްމަދު ދީދީ އިސްވެ ހުންނަވައި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ ޕާޓީއާ ގުޅުމުގެ ދަޢުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި އެހެން ކަމުން އެޕާޓީއާ ގުޅުމާމެދު ވިސްނަވާނެ ކަމަށެވެ. އެގޮތުން ޝައިޚް ދީދީ ފައްޓަވާފައި ވަނީ އިސްލާހީ މަސައްކަތެއް ކަމަށް ސިފަކުރައްވާ އެ މަސައްކަތުގައި ކާމިޔާބަށް ޝަހީމް ވަނީ އެދިލައްވާފައެވެ.
ޑރ. ޝަހީމް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށް ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވުމުން ސިޔާސީ ކަންކަމަށް ވަގުތު ދެވޭ މިންވަރު މަދުވާނެ ކަމަށާއި އެހެން ނަމަވެސް ސިޔާސީ ހަރަކާތްތަކާއި ދުރަށް ޖެހި ވަޑައިނުގަންނަވާނެ ކަމަށެވެ.
ޑރ. ޝަހީމް ވަނީ އިސްލާމިކް ޔުނިވާސިޓީގައި ކުރެވުނު މަސައްކަތަކީ އެމަނިކުފާނުގެ ހަޔާތުގައިވެސް ކުރެވުނު އެންމެ އުފާވެރި މަސައްކަތްތައްކަން ފާހަގަ ކުރައްވާފައެވެ.