ކުޅިވަރު

ތައިލޭންޑްގެ ވޮލީ ލީގަށް ރާއްޖޭގެ ރެފްރީން ފޮނުވަނީ


ރެފްރީސް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ތައިލެންޑުގެ ވޮލީ ލީގުގައި ރެފްރީ ކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ ރެފްރީންނަށް މިއަހަރު ލިބޭނެކަމަސް ވީއޭއެމުން ބުނެފިއެވެ.
ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ޝާފީ ބުނީ ރާއްޖޭގެ ރެފްރީންގެ ފެންވަރު ރަނގަޅުކުރުމަށްވެސް ވީއޭއެމުން މަސައްކަތްކުރާނެކަމަށެވެ.
ޝާފީ ރާއްޖޭގައި އިންޓަރނޭޝަނަލް ބެޖް ލިބިފައިވާ ގިނަ ރެފްރީންތަކެއް ތިބި ނަމަވެސް ބައިނަލްއަގްވާމީ މެޗުތައް މަދުވުމުގެ ސަބަބުން ރެފްރީންގެ ފެންވަރު ރަނގަޅު ކުރުމަށް އުނދަގޫތަކެއް ދިމާވާކަމަށެވެ.
"މިއީ ރެފްރީންނަށް ލިބުނު ވަރަށް ރަގަނޅު ފުރުސަތެއް. އަތޮޅު ތެރޭގެ ރެފްރީންނަށް ހާއްސަކޮށްގެން. ތައިލެންޑްއިން އަންނަ ރެފްރީންގެ ބޭނުން ހިފައިގެން އަޅުގަނޑުމެން އަތޮޅު ތެރޭގެ ރެފްރީން ރިފްރެޝް ކުރުމަށް ވަރަށް ގިނަ މަސައްކަތަކެއް ކުރެވިގެންދާނެ. އަދި އަތޮޅު ތެރޭގެ ރެފްރީންވެސް ތައިލެންޑްއަށް ފޮނުވުމުގެ ފުރުސަތު މިލިބިގެންދިޔައީ." ޝާފީ ބުންޏެވެ.
އަދި މިއަހަރު އެކަން ހައްލުކުރުމަށް ތައިލެންޑް ވޮލީބޯޅަ އެސޯސިއޭޝަނާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ރެފްރީން ތައިލެންޑް ލީގާއި، އެހެނިހެން މުބާރާތްތަކަށްވެސް ރާއްޖޭގެ ރެފްރީން ތައިލެންޑަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ރާއްޖޭގެ މުބާރާތްތަކުގައި ރެފްރީކަން ކުރަން ތައިލެންޑްގެ ރެފްރީންވެސް ރާއްޖެ އަންނާނެކަމަށްވެސް ޝާފީ ބުންޏެވެ.