ވިޔަފާރި

އިޤްތިޞާދުގެ މުހިންމު ދާއިރާއަކަށް ދަނޑުވެރިކަން ހެދުމަކީ އަމާޒެއް - އިކޮނޮމިކް މިނިސްޓަރ


ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ދާއިރާއަކަށް ދަނޑުވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާޢިލް ވިދާޅުވީ، ދަނޑުވެރިކަމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތް ދާއިރާއެއްކަމަށެވެ. އެހެންކަމުން މިދާއިރާ ކުރިއެރުވުމަށް ސަރުކާރުން ޙާއްސަ އިސްކަމެއް ދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ވަނީ އިންޑިއާއާއެކު އެގްރި ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާޢިލް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިންނަށް މިވަގުތު ބޮޑަށް ބޭނުން ވަނީ ފަންނީ އެހީތެރިކަންކަމަށެވެ. އިންޑިޔާއާއެކު ވެވުނު އެގްރި ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ވަރަށް ބޮޑަށް ފަންނީ އެހީތެރިކަން ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ދަނޑުވެރިން އުފައްދާ ވަކި ބާވަތްތަކެއް ރާއްޖެއިން ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު އޮތްކަމަށް ޤަބޫލުކުރައްވާކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"މި އެގްރިމެންޓްގެ ސަބަބުން އަޅުގަނޑުމެންނަށް ފަންނީ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭނެ. ރާއްޖޭގައި ގިނަ ދަނޑުވެރިން ދަނޑުވެރިކަން މިކުރައްވަނީ އަމިއްލަ ވިސްނުމަށް. ފަންނީ އެހީތެރިކަން ލިބިގެން އަޅުގަނޑުމެންނަށް އެންމެ ރަނގަޅު މުޑުވައް އެންމެ ރަނގަޅު ގޮތުގައި ތައްޔާރުކުރެވޭނެ ގޮތްތަކެއް ވެގެންދާނެކަމަށް އަޅުގަނޑުމެން މި ޤަބޫލުކުރަނީ. އަދި ހަމަ އަޅުގަނޑުމެންގެ ވިސްނުން މިހުރީ އިންވެސްޓަރުންވެސް ހޯދަން." އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާޢިލް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވިސްނުންހުރީ ރާއްޖެއަށް ގިނަ އިންވެސްޓަރުން ގެނެސް ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަނޑުވެރިކަމުން ގިނަ ކަންތައްތަކެއް ޙާސިލްކުރުމަށް ވަނީ އަމާޒުހިފާފައެވެ. އޭގެތެރޭގައި ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުމާއި، ދަނދުވެރިކަމުން އުފައްދާ ތަކެއްޗަކީ ސިއްޙަތަށް ގެއްލުންނުވާ ތަކެތިކަން ކަށަވަރުކުރުމުގެ ނިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.