ޒަހަމްތަކާކާއި އެކު މަރުވެފައި އޮއްވާ އިއްޔެ ފެނުނު މުހައްމަދު އިބްތިހާލްގެ މައްސަލާގައި ދައުލަތުގެ އެއްވެސް މުއައްސާސާއަކުން އިހްމާލްވެފައިވޭތޯ ތަހްގީގްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް ޕޮރޮސެކިއުޓަރ ޖެނަރަލް އަމުރުކުރައްވައިފިއެވެ.ޕީޖީ މުހްތާޒް މުހުސިން ސޮއި ކުރައްވާ މިއަދު ނެރުއްވި އަމުރުގައި ބުނެފައިވަނީ އިއްޔެ މަރުވެފައި އޮއްވާ ފެނުނު އިބްތިހާލްގެ މައްސަލަ މި ހާދިސާ ހިނގުމުގެ ކުރިންވެސް ކަމާއި ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއްކަން އެ އޮފީހަށް މައުލޫމާތު ލިބިފައިވާކަމަށެވެ.އެހެންނަމަވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގަން މެދުވެރި ވިއިރު ކަމާއި ބެހޭ މުއައްސާސާތަކުން އެކަށިގެންވާ ގޮތެއްގައި އެ މައްސަލަ ހައްލުކުރަން މަސައްކަތްކޮށްފައިވާކަމަށް ނުފެންނާތީ މިކަން ހިނގާފައިވާގޮތް އެޗްއާރްސީއެމްއިން ހާއްސަ ސަމާލުކަމެއް ދީގެން ތަހްގީގް ކުރައްވާ އެއްވެސް ފަރާތަކާއި މެދު ޖިނާއީ ދައުވާއެއް ކުރަންޖެހޭކަމަށް ފެންނަ ނަމަ ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ މައްސަލަ ޕީޖީ އޮފީހަށް ހުށައެޅުމަށް އެންގުމަށް އެދިފައެވެ. އަދި މައްސަލައިގެ ތަހްގީގް ހިގަމުންދާ ގޮތް ޕީޖީ އޮފީހަށް ހިއްސާ ކުރުމަށާއި އެހީތެރިކަމެއް ބޭނުންނަމަ އެ އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށްވެސް ޕީޖީ ނެރުއްވި އަމުރުގައިވެއެވެ.