ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި ދިވެހިން ވަޒީފާ އަދާކުރާ އަދަދު ނިސްބަތުން އިތުރުވާނަމަ، އެތަންތަނަށް ޓެކްސްގެ ލުޔެއް ދިނުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ.
ގެސްޓްހައުސް މަހާސިންތާ ނިންމުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ މަންފާ ސީދާ ގޮތެއްގައި ދިވެހިންނަށް ހޯދައިދިނުންކަމަށެވެ. މި އަމާޒަށް ވާސިލްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރިސޯޓްތަކުގައި ޤާނޫނާ އެއްގޮތަށް ސަރވިސް ޗާޖު ދެމުންދާކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށާއި، ވަޒީފާތަކުގައި ދިވެހީން ގެންގުޅެންޖެހޭ މިންގަނޑުތައް މުރާޖަޢާކޮށް، ތަންފީޒުކުރުން ހަރުދަނާކުރުމުގެ މަސައްކަތްވެސް ފަށްޓަވަފައިވާކަމަށެވެ. އެގޮތުން އެކަންކަން ޙައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ، ދިވެހިން ގެންގުޅެންޖެހޭ ނިސްބަތަށްވުރެ އިތުރަށް ދިވެހިން ގެންގުޅޭނަމަ، އެ ރިޒޯޓަކަށް ނުވަތަ އެ ގެސްޓް ހައުސްއަކަށް ޓެކްސް އިންސެންޓިވެއް ނުވަތަ ލުއެއް ދިނުންކަމަށެވެ.
"މިއީ ދިވެހީންނަށް ރިޒޯޓް ވަޒީފާ ކަށަވަރުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށްވާނެ. ތިޔަބޭފުޅުންގެ ހުށަހެޅުންތަކާއެކު ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކުރާ ޓޫރިޒަމް ޑައިރެކްޓިވްއާމެދު، ސަރުކާރުގައި މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅިގެންދާނެ ވާހަކަ ދަންނަވަން. އަދި މި ފެށޭ އަހަރުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭން އަލުން އެކުލަވައިލާއިރު، މިބައްދަލުވުމުގެ ހުށަހެޅުންތައް، މާސްޓަރ ޕްލޭންގައިވެސް ހިމެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ ނިޒާމަށް ގެންނަވާ ބަދަލުތަކުގެ ތެރެއިން ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް އިތުރު ލުއިތަކާއި ފަސޭހަތައް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި، ނަގަމުން އަންނަ ފައިސާ ވަކި ފަންޑެއްގައި ބަހައްޓާ، އެފައިސާއަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުމަށް ހޭދަކުރެވޭ އެއްޗެއްގެ ގޮތުގައި ހިމަނުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ވަކި މިންވަރެއް، އެ ޓެކްސް ލިބޭ އަތޮޅަކަށް އިންވެސްޓް ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށާ، މިކަމަކީ ކުރިއަށް އޮތް ތަނުގައި ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އިތުރަށް ފަހިވެގެންދާނެ ކަންތައްތަކެއްކަންވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރެއްވިއެވެ.