އައިއެސް ޖަމާޢަތް ބަލިކުރުމުގައި އެމެރިކާއާއި ޢިރާޤުން ކުރަމުންދަނީ މުޙިއްމު މަސައްކަތްތަކެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވިދާޅުވެއްޖެއެވެ. ޕޮމްޕިއޯ މިހެން ވިދާޅުވެފައިވަނީ މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޢިރާޤުގެ ބޮޑުވަޒީރު އާދިލް ޢަބްދުލް މަހުދީއަށް ފޯނުން ގުޅުއްވާ ވާހަކަ ދައްކަވަމުންނެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފޯނުން ދެއްކެވި ވާހަކަތަކުގައި ޕޮމްޕިއޯ ވަނީ ޢިރާޤުގައި ޙަރަކާތްތެރިވަމުންދާ އައިއެސް ހަނގުރާމަވެރިންނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އެމެރިކާއިން އިސްވެ އެކުލަވާލާފައިވާ އަސްކަރީ އިއްތިހާދުން ޢިރާޤަށް އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަޤީންކަން ޢިރާޤުގެ ބޮޑުވަޒީރަށް ދެއްވާފައެވެ ޕޮމްޕިއޯ ވަނީ ޢިރާޤާއި އެމެރިކާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.
މިދިޔަ ހަފުތާގައި އެމެރިކާއިން ވަނީ ސޫރިޔާގައި އައިއެސް ޖަމާޢަތާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް އެޤައުމުގައި ތިބި އެމެރިކާގެ 2،000 ސިފައިން އަނބުރާ ޤައުމަށް ގެންދާނެކަން އިއުލާނުކޮށްފައެވެ މިއާއެކު ޢިރާޤުގައި ތިބި އެމެރިކާ ސިފައިންގެ މުސްތަޤްބަލާމެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ.
އެމެރިކާއިން ވަނީ ޢީރާޤަށް 5،200 ސިފައިން ފޮނުވާފައެވެ.