މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނޭކަމަށެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ހުތުރުވާފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މިފަދަ ގިނަ މައްސަލަތަކަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެއްކަމަށާއި އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ އަމަލުތަކެއްކަން ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މިގޮތުން، އަނެކާގެ އަބުރު ނަގާލުމަށާއި ބިރުދެއްކުމަށާއި ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ތަކެތި ބޭނުންކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ އެއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެއްކަން ފާހަގަކުރައްވާފައެވެ. މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އަބުރަށް އުނިކަން އާދެއެވެ. ވަކިން ހާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑުވެސްމެއެވެ.
މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި، ރައްކާކުރުމާއި، އަދި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މައުލޫމާތެއް ނުވަތަ މަންޒަރެއް ހިއްސާކުރެވޭ ހިސާބުން ތިމާގެ ބާރުގެ ދަށުން ނެއްޓި، ކޮޕީކޮށް، ރައްކާކޮށް ނުވަތަ އެހެން ފަރާތްތަކަށް ފެތުރިދާނެ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުމާއި މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިނުވުމަށްވެސް އިލްތިމާސްކުރެއެވެ. އެފަދަ އަމަލުތަކަށް ހިތްވަރު ނުދިނުމާއި އެއީވެސް ކުށަކަށް ވެދާނެ ކަމެއްކަން ދަނެގަތުމުގެ އިތުރުން ޒާތީ މައުލޫމާތު ނުވަތަ މަންޒަރު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ތިމާއަށް ދިމާވެއްޖެނަމަ، ލަސްނުކޮށް ރިޕޯޓުކުރުމަށް ފުލުހުން އެދެއެވެ.
ފުލުހުން ވިދާޅުވީ ޒާތީ މައުލޫމާތާއި މަންޒަރުތައް ބޭނުންކޮށްގެން ގާނޫނާ ހިލާފު ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. މީގެ އިތުރުން އިޖުތިމާއީ މިންގަނޑުތަކާއި އަހުލާގު ނަގަހައްޓައި، އަނިޔާ ލިބޭ ފަރާތްތަކުގެ ކަރާމާތަށް އުނިކަންލިބި، އިތުރަށް ނިކަމެތިވާނެ ފަދަ އެންމެހައި އަމަލުތަކުން ދުރުހެލިވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.